ކޮވިޑް-19 ގެ ސަބަބުން ގިނަ ދުވަސްތަކަކަށް ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މިހާރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ، ޖައްސާ ފްލައިޓުތަކުގެ އަދަދު އިތުރުވެއްޖެއެވެ.
ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލި ފަހުން މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ވީއައިއޭގައި 1145 އެއާރ ޓްރެފިކް މޫވްމެންޓް ވަނީ ރެކޯޑް ކުރެވިފައެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ޖުލައި މަހުގެ 15 އިން 31 އެކި ގައުމުތަކުން އިންޓަނޭޝަނަލް މޫވްމެންޓުގެ ގޮތުގައި 196 މޫވްމެންޓް އަދި ޑޮމެސްޓިކް 191 މޫވްމެންޓެއް ވަނީ ރެކޯޑް ކުރެވިފައެވެ. މި މުއްދަތުގައި ވީއޭއައޭ އިން އިންޓަނޭޝަނަލް 2890 އެރައިވަލްސް އަދި 1954 ޑޮމެސްޓިކް އެރައިވަލްސް ވަނީ ރެކޯޑް ކުރެވިފައެވެ.
މީގެ އިތުރުން ހަމަ މި މުއްދަތުގައި 4106 އިންޓަނޭޝަނަލް ޑިޕާޗާސް އަދި 2555 ޑޮމެސްޓިކް ޑިޕާޗާސް ވަނީ ރެކޯޑް ކުރެވިފައެވެ.
ވީއައިއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އޮގަސްޓު މަހު އެކަނިވެސް އިންޓަނޭޝަނަލް 432 މޫވްމެންޓަކާއި، 326 ޑޮމެސްޓިކް މޫވްމެންޓެއްވެސް ވަނީ ރެކޯޑް ކުރެވިފައެވެ. އަދި މި މުއްދަތުގައި 11،186 އިންޓަނޭޝަނަލް އެރައިވަލްސް އަދި 3282 ޑޮމެސްޓިކް އެރައިވަލްސް ވަނީ ރެކޯޑް ކުރެވިފައެވެ.
މީގެ އިތުރުން ހަމަ މި މުއްދަތުގައި 14،045 އިންޓަނޭޝަނަލް ޑިޕާޗާސް އަދި 3438 ޑޮމެސްޓިކް ޑިޕާޗަސް ވަނީ ރެކޯޑް ކުރެވިފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން އެއް ދުވަހެއްގައި އެންމެ ގިނަ މޫވްމެންޓު ހިނގާފައިވަނީ އޮގަސްޓް މަހުގެ 28 ވަނަ ދުވަހުއެވެ. އެދުވަހު އެކަނިވެސް ވީއައިއޭއިން ވަނީ 9 ފްލައިޓެއް އޮޕްރޭޓް ކޮށްފައެވެ. އަދި 428 ފަސިންޖަރުން ވަނީ ރާއްޖެ އެތެރެވެފައެވެ. ހަމަ އެ ދުވަހު 1127 މީހަކު ވަނީ ފުރާފައެވެ.
ބޯޑަރު ހުޅުވާލުމާއެކު ގިނަ އެއާލައިން ތަކަކުން ރާއްޖެއަށް ދަތުރުތައް ފަށާފައިވާ އިރު، އޭގެ ތެރޭގައި ގަތަރު އެއާވޭސް، ސްރީލަންކަން އެއާލައިންސް، އިންޑިއަން އެއާލައިންސް، އިއްތިހާދު އެއާވޭސް، އެމިރޭޓްސް އަދި ޓާކިޝްގެ އިތުރުން އިންޑިގޯ ހިމެނެއެވެ.