ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގެ ކާނިވާ ސަރަހައްދުގައި އިމާރާތް ކޮށްފައިވާ ސަލްމާން މިސްކިތް ހުޅުވާނެ ތާރިހެއް އަދި ދަންނަވަން ދަތި ކަމަށާއި، މަަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް މިސްކިތް ހުޅުވަން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.
ސަލްމާން މިސްކިތް ހުޅުވަން ކުރިން ނިންމާފައި އޮތީ އޭޕްރީލް މަހުއެވެ. އެކަމަކު ކޮވިޑު ފެތުރެން ފެށުމުން މާލެ ލޮކްޑައުން ކުުރުމާއެކު އެ މިސްކިތް ހުޅުވުން އޮތީ މަޑުޖެހިފައެވެ.
އެ މަސައްކަތް އިތުރަށް ކުރިޔަށްނުދާ ސަބަބު އޮޅުން ފިލުވަން ރާއްޖެ.އެމްވީ އިން މިނިސްޓަރަށް ގުޅާލުމުން ވިދާޅުވީ، މިސްކިތުގެ ހުރިހާ މަސައްކަތެއް ކަހަލަ ގޮތަކަށް ނިމިފައިވާ ކަމަށާއީ، މިހާރު އެ މިސްކިތުގައި މަދުވަނީ ފަރުނީޗަރުތައް އެކަނި ކަމަށެވެ. ނަމަވެސް މިސްކިތުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ. ޑރ އަހުމަދު ޒާހިރު ވިދާޅުވި ގޮތުގައި މިސްކިތް އެންމެ އަވަހަށް ހުޅުވާލެވޭނީ ކޮވިޑުގެ ހާލަތަށް ލުއިތަކެއް ލިބިގެންނެވެ. މިސްކިތް ހުޅުވަން ސައުދީގެ ވަފުދެއް ވެސް ރާއްޖެ އައުމެއް ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ސަލްމާން މިސްކިތުގެ ފުރަތަމަ އަދި ދެވަނަ ފަންގިފިލާގައި ޖުމުލަ 4000 މީހުންނަށް ނަމާދު ކުރެވޭއިރު ތިންވަނަ ފަންގިފިލާގަ 40 ޖާގައިގެ ހަތަރު ކްލާސް ރޫމާއި، 15 ޖާގައިގެ ފަސް ސެމިނާ ރޫމް ހުންނާނެއެވެ. ހަތަރު ވަނަ ފަންގިފިލާގައި ލައިބްރަރީއަކާއި، 350 މީހުންގެ ޖާގައިގެ އޮޑިޓޯރަމެއް ހުންނާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި މިސްކިތަކީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސަޢުދުގެ ހިލޭ އެހީގެ ދަށުން ބިނާ ކުރާ މިސްކިތެކެވެ. މިސްކިތުގެ މަސައްކަތް ކުރަމުންދަނީ ތުރުކީވިލާތުގެ ޖޮއިންޓް ވެންޗަރ ކުންފުންޏެއްކަމަށްވާ އަލްކޭ-ޓަރމެކްސްއިންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން މިސްކިތް ބިނާ ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލު ކޮށްފައިވަނީ 28 ފެބްރުއަރީ 2017 ގައެވެ.
މިސްކިތުގެ މަސައްކަތުގެ އަގަކީ 24 މިލިއަން ޑޮލަރު (370 މިލިއަން ރުފިޔާ) އެވެ. އެ މިސްކިތުގެ މަސައްކަތް ފެށީ މީގެ ތިން އަހަރު ކުރިންނެވެ.