ދަނޑުވެރިކަން ކުރިއެރުވުމަށް މި ފާއިތުވެދިޔަ ދުވަސްތަކުގައި މަސައްކަތް ނުކުރާ ވަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މަސައްކަތްތައް ކުރެވިފައިވާ ކަމަށް ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ޝަބާއު ވިދާޅުވީ މި ސަރުކާރު އައީ ވެސް ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ޚާއްސަ ސްޓްރެޓެޖިކް ޕްލޭނަކާއެކު ކަމަށާއި، އެ ޕްލޭންއާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.
ދަނޑުވެރިކަން ބޮޑަށް ބަރޯސާވެފައި އޮތީ ބޮޑަށް ޓޫރިޒަމްގެ މާކެޓަށްކަން ފާހަގަކުރައްވައި ޝަބާއު ވިދާޅުވީ ގިނަ ބަޔަކު ހައްދަމުން އައީ ވެސް އެ މާކެޓަށް ބެލުމަށްފަހު ކަމަށެވެ. އަދި ވިދާޅުވީ ލޯކަލް މާރުކޭޓަށް ރަށްރަށުން ގިނަ ބާވަތްތައް ރިސޯޓުތަކަށް ގެންދާ ކަމަށެވެ.
ޝަބާއު ވިދާޅުވީ މި ފާއިތުވެދިޔަ އަހަރުތަކުގައި ނުދެވޭ ޚާއްސަކަން މި ސަރުކާރުގައި ދަނޑުވެރިމުގެ ސިނާއަތަށް ދީފައިވާ ކަމަށެވެ. އެގޮތުން ބަޖެޓް ކަނޑައެޅުމާއި އެގްރޯ ޓޫރިޒަމް ފުޅާ ކުރުމުގައި މަސައްކަތް ކުރަމުންދާ ކަމަށް ޝަބާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަނޑުވެރިކަމުގެ ޕްރޮޑަކްޝަން އިތުރު ކުރުމަށް ވެސް މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށާއި، ދަނޑުވެރިންނަށް ޚާއްސަކޮށް ލޯނުތައް ދޫކުރެވިފައިވާ ކަމަށެވެ.
ބަޖެޓް ކަނޑައެޅުމުގައި ވެސް އަދި ކަންތައްތައް ރޭވިފައި އޮތް ގޮތުން ވެސް މިއެގްރޯ ޓޫރިޒަމް ވަރަށް ބޮޑު ފޯކަސްއެއްދީފައި އަދި ދަނޑުވެރިކަމުގެ ސިނާއަތުގައި ވެސް މިހާރު މިކުރެވޭ ގޮތަށް ވުރެ އެހެން ހަރުފަތަކަށް ގެންދަން މަސައްކަތް ކުރެވޭނީ ކިހިނެތްތޯ ބަލަން މިސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކަނޑައަޅާފައި އެބައޮތް. ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ވެސް އެބަހުރި. ކައިރި ހިސާބުތަކުން ދަނޑުބިން ދޭންވާ ފަރާތްތަކަށް ބިން ފޯރުކޮށްދިނުމުގައި ކަންކަތައްތައް ކޮށްދޭނެ ކަމަށް. ފަޅުރަށްތައް މިބޭނުން ކުރާ އުސޫލުން އެއަށްވުރެ ހަރުދަނާ އުސޫލުން އެތަންތަން ބޭނުން ކުރަނީ ކޮން ގޮތަކައްކަން ކުރިއެރުމަށްޓަކައި.ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ޝަބާއު
އެގްރޯ ޓޫރިޒަމަށް އަލިއަޅުވާލައި ޝަބާއު ވިދާޅުވީ ސަޕްލައި ނުހުއްޓި ފޯރުކޮށްދެވެން ޖެހޭ ކަމަށާއި، ކޮލެޓީ ވަކި މިންގަނޑެއްގައި ހިފެހެއްޓެން ޖެހޭ ކަމަށެވެ. އެގޮތުން ދަނޑުވެރިން އުފައްދާ ބާވަތްތައް ޕެކެޓް ކުރުމާއި، ހަލާކުނުވެ މާރކެޓް ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝަބާއު ވިދާޅުވިއެވެ.
ކުރަން ހުރި މަސައްކަތުގެ ތެރޭގައި އެގްރޯ ނެޓް ކުންފުނި އުފެއްދުން. އެއީ ތަންކޮޅެއް ލަހުން ކުރަން އޮތް ކަމެއް ވިޔަސް ހަގީގަތުގައި ކޮވިޑް-19އާ ގުޅިގެން މައިގަނޑު އެއްކަމެއްގެ ގޮތުން ޕްރަވައިޓައިޒް ކޮށްގެން މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އެއީ އެގްރޯ ނެޓް ކުންފުނި އުފެއްދުން. ކުންފުނި އުފެއްދުމަކީ ހަމަ މިފްކޯއެކޭ އެއްގޮތަށް ދަނޑުވެރިން އުފައްދާ ތަކެތި ގަނެ މާކެޓް ކުރުމަށް މަގުފަހި ކުރުމަށް.ޑިރެކްޓަރ ޖެނަރަލް އިބްރާހިމް ޝަބާއު
ޝަބާއު ވިދާޅުވީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަސައްކަތުގެ ތެރެއިން މާލޭގެ ލޯކަލް މާރުކޭޓް ވެސް ތަރައްގީ ކުރަމުންދާނެ ކަމަށެވެ. މާލެ ސިޓީ ކައުންސިލުން ޚާއްސަ އިސްކަމެއް ދީގެން މާލޭގެ ލޯކަލް މާރުކޭޓް ބަލަހައްޓަމުންދާކަން ވެސް ޝަބާއު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް ޝަބާއު ވިދާޅުވިއެވެ.