ދިވެހިރާއްޖެ އިންޑިއާ ދެމެދު ގާއިމުކޮށްފައިވާ އެއަރ ބަބުލްގެ ދަށުން ކޮންމެ ހަފްތާއަކު ރާއްޖެއާ އިންޑިއާ ދެމެދު ފަސް ދަތުރު ކުރަން ހަމަޖެހިފައިވާ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުން ބުނެފިއެވެ.
އިންޑިއާގެ ވެރި ރަށް ދިއްލީ-ޓްރިވެންޑްރަމް އާއި މާލެ ދެމެދު ބޭއްވި އެއަރ އިންޑިއާގެ ފްލައިޓާއެކު ދިވެހިރާއްޖެ އާއި އިންޑިއާ މެދުގައި އެއަރ-ޓްރެވަލް ބަބަލްއެއް ގާއި މްކުރީ މިދިޔަ އޮގަސްޓު މަހުގެ 25 ވަނަ ދުވަހުއެވެ. މިއީ އަދި މިއީ ދެކުނު އޭޝިއާ ގައި އިންޑިއާ އިން ގާއިމު ކުރި ފުރަތަމަ އެއަރ ޓްރެވެލް ބަބުލްއެވެ.
ހައި ކޮމިޝަނުން ބުނީ، މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން އިންޑިގޯ އެއަރލައިނުން ކޮޗިން އާއި މާލެ އާއި ދެމެދު ހަފްތާއަކު ދެ ދަތުރު ކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން މާލެ އާއި ޓްރިވެންޑްރަމް ދެމެދުގެ އިތުރު ދެ ފްލައިޓެއް އޮޕަރޭޓް ކުރަން ފެށުމަށް މޯލްޑިވިއަން އެއަރލައިނުން ތާވަލު ކޮށްފައިވާ ކަމަށެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ އިގްތިސާދު ހީނަރުވެފައިވާ މިދަނޑިވަޅުގައި ދެ ގައުމުގެ މެދުގައި އެއަރ ޓްރެވަލް ބަބަލްއެއް ގާއިމު ކުރެވުމުގެ ސަބަބުން އިންޑިއާގެ ފަތުރުވެރިން ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެ ކަމަށް އިންޑިއާގެ ހައި ކޮމިޝަނުން މައުލޫމާތުދެއެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ތެރޭގައި އިންޑިއާ އިން ރާއްޖެ އަށް 167،000 ފަތުރުވެރިން ޒިއާރަތް ކުރިއެވެ. އެއީ 2018 އާއި އަޅާކިޔާއިރު 100 އިންސައްތަ އިތުރު އަދަދެކެވެ.
އެއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރާއި އިންޑިއާ ސަރުކާރުގެ މެދުގައި ގާއިމު ކުރެވިފައިވާ ގާތް ގުޅުމުގެ ސަބަބުން ދެ ގައުމުގެ މެދުގައި އުދުހުންތައް އިތުރު ކުރެވި ވީސާ-ފްރީ ދަތުރުތަކަށް މަގުފަހިވެގެން ދިޔުމުގެ ނަތީޖާ ކަމަށް އިންޑިއާ އިން ބުންޏެވެ.
ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ދަތުރު ކުރާ 80 އިންސައްތަ ދިވެހިންގެ މެދުގައި އެންމެ މަގުބޫލު އަދި އިތުބާރު އޮތް ގައުމަކީ އިންޑިއާ އަށް ވާއިރު އެއަރ ޓްރެވަލް ބަބަލްގެ ސަބަބުން އިންޑިއާ އަށް ބޭސް ފަރުވާ އަށް ދާ މީހުންނަށް ވެސް ބޮޑު ލުޔެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން އިންޑިއާ އިން ދިނެވެ.
އިންޑިއާގެ އުންމީދަކީ ދިވެހިރާއްޖެ އާއި ދެމެދު މި ގާއިމު ކުރެވޭ ފަސް އުދުހުމުގެ ސަބަބުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވެގެން ދިޔުމެވެ. އަދި މިއީ ދިވެހި ފަތުރުވެރިކަމުގެ ސިނާއަތާއި އިގްތިސާދު ކުރިއަރުވަން އެހީތެރިވެ ބައިވެރިވުމަށް އިންޑިއާ އިން ދޭ އަހައްމިއްޔަތު ސާބިތުކޮށްދޭ ކަމެއް ކަމަށް އެ ގައުމުގެ ހައި ކޮމިޝަނުން ބުންޏެވެ.