ކ. މާލެ
|
7 ސެޕްޓެންބަރ 2020 | ހޯމަ 21:43
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ކޮމިޓީއެއްގައި
މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް މަޖިލީހުގެ ކޮމިޓީއެއްގައި
ޝުއައިބް މުހައްމަދު އިގްބާލް
ޕީޕީއެމް/ޕީއެންސީ އަށް ކުރެވޭ ތުހުމަތުތައް
އިންޑިއާ އަދި ޗައިނާގެ ކޯޅުމުގެ ހަތިޔާރަކަށް ރާއްޖެ ވެގެން ނުވާނެ: އާދަމް ޝަރީފް
ޗައިނާއިން ފަންޑުކުރާ ކަމަށް އާޒިމް ތުހުމަތު ކުރެއްވި
އިސްކަންދޭނީ ގައުމިއްޔަތަށް ކަމަށް ވިދާޅުވި
ސިޔާސަތު ހަމަހަމަވާން ޖެހޭނެ ކަމަށް ވިދާޅުވި

އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ ކޯޅުމުގެ ހަތިޔާރަކަށް ރާއްޖެވެގެން ނުވާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީ ސަރުކާރުގައި ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ބޭރުގެ ގައުމުތަކުގެ ސިފައިން ރާއްޖެ ހިފަން ގޮވާލައި ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު މީހުން ވެއްދުމަކީ އިދިކޮޅުން އެއްވެސް ވަރަކަށް ޖާގަ ދޭނެ ކަމެއް ނޫން ކަމަށެވެ.

''އިދިކޮޅު ކޯލިޝަން އަކީ ސިޔާދަތާއި ގައުމިއްޔަތަށް ނުރައްކާވާނެ އަދި ބޭރު ގައުމުގެ ޕަޕެޓަަކަށްވާނެ ބައެއް ނޫން'' އާދަމް ޝަރީފް ލިޔުއްވެވިއެވެ.

ޓްވީޓްގެ ތަފްސީލު ރާއްޖެ.އެމްވީ އާ ހިއްސާ ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ، ޕީޕީއެމް ޕީއެންސީން ގަބޫލުކުރާ ފަލްސަފާތަކެއް ގެންގުޅޭ ކަމަށާއި، އެ ފަލްސަފާތަކަކީ އިސްލާމް ދީނުގެ ތަރަހައިގެން ތެރެއިން ކަންތައްތައް ކުރުން ކަމަށެވެ. އެހެންކަމުން ރާއްޖޭގެ އިސްތިގުލާލަށް ގެއްލުންވާނެ ފަދަ އެއްވެސް ކަމެއް އިދިކޮޅުން ނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އާދަމް ޝަރީފްގެ ނަޒަރުގައި ހުރިހާ ގައުމުތަކާއެކު ވެސް ބާއްވަން ޖެހޭނީ ހަމަހަމަ ސިޔާސަތުތަކެކެވެ. އަދި ވަކިން ހާއްސަކޮށް ޗައިނާއާ އިންޑިއާ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާ ގޮތަށް ރާއްޖެއިން މަަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަކީ ބޭރުގެ އެއްވެސް ގައުމެއްގެ ޕަޕެޓެއް ނޫން ކަމަށް އާދަމް ޝަރީފް ޓްވީޓް ކުރައްވާފައި މިވަނީ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް އިދިކޮޅަށް ކުރައްވާފައިވާ ތުހުމަތުތަކާއި ގުޅިގެންނެވެ.

ރާއްޖެ ޓީވީގެ ''ސިޔާސީ ދުނިޔެ'' ޕްރޮގްރާމްގައި އެމްޑީޕީގެ ޕީޖީ ލީޑަރުކަން ވެސް ކުރައްވާ އާޒިމް ވަނީ، ޗައިނާއިން އިދިކޮޅަށް ފަރާތްތަކަށް ފައިސާ ދޭ ކަމަށް ތުހުމަތު ކުރައްވާފައެވެ. އަދި ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކުރަން އިދިކޮޅުން ކުރާ މަސައްކަތަކީ ސީދާ ޗައިނާއިން ފަންޑުކޮށްގެން ކުރާ ކަމެއް ކަމަށް ވެސް އާޒިމް ތުހުމަތު ކުރެއްވިއެވެ.

ޗައިނާގެ ވާހަކަތައް ދެކެވެން ފަށާފައިވަނީ ކުއްލި ގޮތަކަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ކުއްލި ދަތުރުފުޅެއްގައި ޗައިނާ އަށް ވަޑައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމާއި ގުޅޭ ގޮތުން ވާހަކަތަކެއް ދެކެވުނު ކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ. އެކަމަކު އަދި މިހާތަނަށް މިކަމާއި ގުޅޭ ގޮތުން ސައީދު އެއްޗެއް ވިދާޅެއް ނުވެއެވެ.

- ކޮމެންޓް