ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި ހުރި އިންޑޮނޭޝިއާ ސަރަހައްދަށް ނިސްބަތްވާ ޒާތުގެ ބޯޓުތަކަކީ ރާއްޖޭގެ 75 މޭލު ބޭރުން މަސްވެރިކަން ކުރުމަށް ކުރީ ސަރުކާރުން ހުއްދަ ދީފައިވާ ބޯޓުތަކެއް ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން ބުނެފިއެވެ.
ހުޅުމާލޭ ފަޅު ތެރޭގައި ގިނަ އަދަދަކަށް ބޭރު ގައުމުތަކުގައި މަސްވެރިކަން ކުރާ ޒާތުގެ ބޯޓުތަކެއް އަޅާފައި ހުރުމުން ރައްޔިތުން އަންނަނީ އެކަމާ ސުވާލު އުފައްދަމުންނެވެ. އަދި މި ބޯޓުތައް ބެލެހެއްޓުމުގައި ހަވާލުވެފައިވަނީ ކޮންފަރާތަކުން ނޭނގުމަކީ ރައްޔިތުން އުފައްދާ ސުވާލެކެވެ.
މި ބޯޓުތަކާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފް ކޯސްޓު ގާޑުގެ ކޮމަޑާންޓް ކާނަލް މުހަންމަދު ސަލީމް ވިދާޅުވީ ހުޅުމާލޭ ފަޅުތެރޭގައި އަޅާފައިވާ މަސް ބޯޓުތަކަކީ ކުރީގެ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓްރީ އާއި ފިޝަރީޒް މިނިސްޓްރީން ހުއްދަ ދީގެން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭރުން މަސްވެރިކަން ކުރުމުގެ ހުއްދަ ދީފައިވާ ބޯޓުތަކެއް ކަމަށެވެ. އަދި އެ ބޯޓުތަކަކީ ކޯސްޓް ގާޑަށް މޮނިޓަރ ކުރެވޭ ގޮތަށް ޓްރެކިންގ ސިސްޓަމްތަކެއް ބަހައްޓައިގެން އޭރު މަސްވެރިކަން ކުރަމުން އައި ބޯޓުތަކެއް ކަމަށް ވެސް ކާނަލް ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ ރާއްޖޭގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ކުރީގެ ސަރުކާރުން ހުއްދަ ދީފައިވާ އެ ބޯޓު ތަކަކީ ރާއްޖެއަށް ރަޖިސްޓްރީ ކުރެވި، ރާއްޖޭގެ ކުންފުނިތަކުން ބަލަހައްޓަމުން އައި ބޯޓުތަކެއް ކަމަށެވެ. ނަމަވެސް މިހާރު އެ ބޯޓުތައް ފަޅުގައި އަޅާފައިވަނީ އަދުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭރުން މަސްވެރިކަން ކުރަން އޭރު ދޫކޮށްފައިވާ ހުއްދަ ބާތިލް ކުރުމުން ކަމަށް ސަލީމް ވިދާޅުވިއެވެ.
"މިހާރުގެ ސަރުކާރުގެ އެޑްމިނިސްޓްރޭޝަންގައި އެފަރާތްތަކަށް ލައިސަންސް ހުއްދަ ނުކޮށް މަސްވެރިކަން ނުކުރާ ގޮތަށް ހަމަޖެހިފަ އޮތީ. އެއީ ލޯކަލައިޒް ކުރެވިފަ ހުރި ލޯކަލް ބޯޓުތަކެއް. އެއްވެސް ހާލެއްގައި ކުށްވެރިވެގެން ހިފަހައްޓާފައިވާ ބޯޓުތަކެއް ނޫން."އެމްއެންޑީއެފް ކޯސްޓު ގާޑުގެ ކޮމަޑާންޓް ކާނަލް މުހަންމަދު ސަލީމް
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުން ގަވައިދާ ހިލާފަށް ގިނަ އަދަދަކަށް ބޭރުގެ އެކި ގައުމުތަކުގެ މަސް ބޯޓުތަކުން މަސްވެރިކަން ކުރަމުންދަނިކޮށް އެމްއެންޑީއެފް ކޯސްޓް ގާޑުން ވަނީ އެކަން ހުއްޓުވާފައެވެ. އަދި އެފަދަ ބޯޓުތައް އެމްއެންޑީއެފް އާއި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރިކަން ވެސް ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ އިގްތިސާދީ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން އަންނަނީ ޒަމާނީ ވަސީލަތްތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.