ބޭންކް އޮފް މޯލްޑިވްސް އާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އެކުންފުނީގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސެސް (އެސްއޯއީ) ކޮމިޓީ އަށް ހާޒިރު ކުރުމަށް މައްޗަންގޮޅި ދެކުނު ދާއިރާއިގެ މެންބަރު އަހުމަދު ހައިތަމް އެދިވަޑައިގެންފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ ހައިތަމް ފޮނުއްވި ސިޓީގައި ވަނީ ބީއެމްއެލް އާ ގުޅޭ ގޮތުން ވަރަށް ގިނަ ރައްޔަތުން ދަނީ ގިނަ ޝަކުވާތައް ސޯޝަލް މީޑިއާ އާއި އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް އުފުލަމުންދާ ކަމަށެވެ.
އެގޮތުން ރައްޔިތުން އުފުލަމުންދާ ޝަކުވާތަކުގެ ތެރޭގައި އެކައުންޓުން ގިނަ އަދަދަކަށް ފައިސާ ކެނޑުމާއި ބައެއް ޓްރާންސެކްޝަން ތަކަށް އެއްފަަރަށްވުރެ ގިނައިން ފައިސާ ކެނޑުމާއި އެފަދަ ކަންކަމުގައި ބޭންކުން ޖަވާބުދާރީ ވާން ޖެހޭ ވަރަށް ޖަވާބުދާރީ ނުވުމުގެ މައްސަލަތައް ހިމެނޭ ކަމަށް ސިޓީގައި ވެއެވެ.
ރައްޔިތުން ފާހަގަ ކުރާ ޝަކުވާތަކަށް ބީއެމްއެލް އިން އެއްވެސް ވަރަކަށް އެ ރައްޔިތުންނަށް ޖަވާބު ދާރީ ވެފައިވާތަން ނުފެން ކަމަށް ހައިތަމް ފާހަގަ ކުރައްވާފައި ވެއެވެ.
މި ސަރުކާރުގެ ކުންފުނިތަކުން ރައްޔިތުންނަށް ޖަވާބުދާރީ ވާން ޖެހޭނެ ކަމުގައި ދެކޭ ކަމަށާއި ރައްޔިތުން ބައިވެރިވެ އެބޭފުޅުންނަށް ސުވާލު ކުރެވޭ ގޮތަށް ބީއެމްއެލްގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކޮށް ޖަވާބުދާރީ ކުރުމުގެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ހައިތަމް ވަނީ އެދިވަޑައިގެންފައެވެ.