ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމަށާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަހުމަދު އިމާދު އައްޔަނުކުރުމުގެ މައްސަލަ އަށް ގޮތެއް ނިންމުމަށް އާދިއްތަ ދުވަހުގެ 2 ޖަހާއިރު ޖަލްސާއެއް ބޭއްވުމަށް އެޖެންޑާކޮށްފި އެވެ.
ބެލެވޭ ގޮތުގައި މިޖަލްސާ ވެގެންދާނީ މިއަހަރުގެ ދެ ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާއަށެވެ. އާދިއްތަ ދުވަހު ގެ ހެނދުނު 9 ޖަހާއިރު 33 ވަނަ ޖަލްސާގެ ނުނިމިއޮތް ބައި ކުރިޔަށް ގެންދިޔުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.
އާދިއްތަ ދުވަހު ދައުރުގެ ފަހު ޖަލްސާ މިބާއްވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހު ކުރިޔަށް ގެންދިޔަ ޖަލްސާގައި މި ދައުރު މިސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހާ ހަމައަށް ދިގުދައްމާލުމަށް ފާސްކުރުމަށްފަހު އެވެ. ދެ ވަނަ ދައުރުގެ ޖަލްސާތައް ހިނގާނީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން ޖުލައި މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށެވެ. ތިން ވަނަ ދައުރުގެ ޖަލްސާތައް ކުރިޔަށްދާނީ އޮކްޓޯބަރ އަދި ނޮވެމްބަރ މަހު އެވެ.
އާދިއްތަ ދުވަހުގެ މެންދުރު 2 ޖަހާއިރު ބާއްވާ ޖަލްސާގައި ދެން އެޖެންޑާކޮށްފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް ޢައްޔަންކުރުމަށްޓަކައި، އެ ކޮމިޝަނުގެ މެންބަރުންގެ ތެރެއިން އެ 2 މަޤާމަށް މަޖިލީހުން މެންބަރުން ކަނޑައެޅުމާ ގުޅޭ މައްސަލަ އެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާކުރި ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ މިނިސްޓަރަށް ރުހުން ދިނުމަށް ފެންނަކަމަށް ފާސްކޮށްފަ އެވެ. އަދި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމަށް އަހުމަދު އިމާދު އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީންވެސް ވަނީ ފާސްކޮށްފައެވެ.