ފަސް މަހުގެ މެދުކެނޑުމަކަށްފަހު އަފްގާނިސްތާނުގެ ދަރިވަރުން އެނބުރި ސުކޫލަށް ދާން ފަށައިފިއެވެ.
އަލްޖަޖީޒާގައި ރިޕޯޓް ކޮށްފައިވާ ގޮތުން 5 މަހުގެ މެދުކެނޑުމަކަށް ފަހު އަފްގާނިސްތާނުގެ ދަރިވަރުން އަނބުރާ ސުކޫލަށް ގޮސްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސުކޫލުތައް ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމުންނެވެ.
އެހެން ނަމަވެސް، ޕަބްލިކް ސެކްޓަރ ސުކޫލުތަކުން މިވަގުތު ހުޅުވާލާފައިވަނީ ހަމައެކަނި މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށް ނަގާ ކްލާސްތައް ކުރިއަށް ގެންދިއުމަށެވެ. ސަބަބަކީ ތައުލީމާއި، އާންމު ސިއްޙަތު ރައްކާތެރި ކުރުމަށް އަދިވެސް ގިނަ ފިޔަވަޅުތަކެއް އަޅަންޖެހޭތީކަން އެ ފަރާތްތަކުން ފާހަގަކުރެއެވެ.
އޭގެ އިތުރުން، އަފްގާނިސްތާނުގައި އަދިވެސް ލިއަންކިއަން ދަންނަ މީހުންގެ ނިސްބަތް އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސުކޫލުތައް ހުޅުވުމަކީ މިވަގުތަށް ނުހަނު ބޭނުންތެރި ކަމެއް ކަމަށް އެ ޤައުމުގެ ނޫސްތަކާ ޙަވާލާދީ ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
އަފްގާނިސްތާނުގައި އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދަން މަސައްކަތް ކުރި ނަމަވެސް، އެ ޤައުމުގައި އިންޓަރނެޓަށް އެކްސެސް ލިބެނީ ހަމައެކަނި 20 އިންސައްތަ ދަރިވަރުންނަށް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެއާއެކު، އޮންލައިންކޮށް ކްލާސްތައް ކުރިއަށް ގެންދިއުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ.