މޫސުން އިތުރަށް ގޯސްވެ، ބ. އަތޮޅުން އައްޑޫ ސިޓީއަށް އޮރެންޖް އެލަރޓް ނެރެފިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ ހޮނިހިރު ދުވަހުގެ 22:30ން ފެށިގެން އާދީއްތަ ދުވަހުގެ 02:30ށް ބ. އަތޮޅުން އައްޑޫ ސިޓީއަށް އޮރެންޖް އެލަރޓް ނެރެފައިވާ ކަމަށެވެ.
ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ވަނީ ބުނެފައެވެ.
އިތުރަށް މައުލޫމާތު ދެމުން މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުނީ މިއީ މިފަހަރު މޫސުން ގޯސްވެގެން އޮރެންޖް އެލަރޓް ނެރޭ ތިންވަނަ ފަހަރު ކަމަށެވެ. އަދި އޮރެންޖް އެލަރޓް އަކީ އާއްމުކޮށް ނެރޭ އެލަރޓެއް ނޫން ކަމަށާއި މި އެލަރޓް ނެރޭނީ މޫސުން ވަރަށް ގޯސް ވުމުން ކަމަށެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާ އިތުރަށް ބުނީ އާދިއްތަ ދުވަހުގެ ހެނދުނު 10:00 އާ ހަމައަށް ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާ އިން ބުންޏެވެ.
ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެ ކަމަށް ބެލެވެނީ 10 ފޫޓަށް ވުރެ އުސްކޮށް ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ދިޔަވަރު ބޮޑުގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.
ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެތީވެ ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރެއް ނޫނީ ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.