އެއްވެސް މީޑިއާއެއް އުވާލުމަކީ އެދެވޭ ގޮތެއް ނޫން ކަމަށާއި އިލްތިމާސް އަކީ ފިތުނަ ފަސާދަ އުފައްދާ މީޑިއާތަށް އަޑު ނޭހުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއްވެސް މީޑިއާއެއް އުވާލުމަކީ އެދެވޭ ގޮތެއް ނޫން ކަމަށެވެ. އެހެންނަމަވެސް، އެއްވެސް މީޑިއާއަކުން ރުޅިވެރިކަމާއި ހަސަދައާއި ނަފްރަތާއި ފިތުނަ ފަސާދަ އުފެއްދުމަކީ އެކަކުވެސް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ އިލްތިމާސް އަކީ އެފަދަ މީޑިއާތައް އަޑުނޭއްސެވުން ކަމަށާއި ގަބޫލު ނުކުރެއްވުމަށް ކަމަށެވެ.
ރައީސް ނަޝީދު މިގޮތަށް ވިދާޅުވެ ޓްވީޓް ކުރައްވާފައި މިވަނީ، ސަރުކާރާ އިދިކޮޅު ކޯލިޝަން ޕްރޮމޯޓް ކުރާ އަދި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންދާ ޗެނަލް13 އިން ގެނެސްދިން ޕްރޮގްރާމެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ޕީޕީއެމްގެ ސަޕޯޓަރެއް ގޮވާލާފައި ވަނިކޮށެވެ.
ރައީސް ޞާލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ޕީޕީއެމްގެ ސަޕޯޓަރެއް ޗެނަލް13 ގެ ޕްރޮގްރާމެއްގައި ގޮވާލާފައިވާއިރު މީހުން މެރުން، މާރަމާރީ، ޓެރަރިޒަމް އަދި ލޭއޮހޮރުވުން ފަދަ ޖަރީމާތައް އެއީ މޮޅު ނުވަތަ ރަނގަޅު ކަންކަން ކަމަށް ދޭހަވާ ގޮތަށް ބްރޯޑްކާސްޓް ކޮށްގެން ނުވާނެ ކަމަށް ބްރޯޑްކާސްޓް ކުރުމުގެ ކޯޑް އޮފް ކޮންޑަކްޓް ގައިވެއެވެ.
ޗެނަލް13 ގެ ބައެއް ޕްރޮގްރާމްތަކުގައި އާންމު އިޖްތިމާއީ މިންގަނޑަށް ނުފެތޭ ބަސްމަގު ބޭނުން ކުރަމުންދާތީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އެ ސްޓޭޝަނަށް އެތައް ފަހަރެއްގެ މަތިން ވަނީ ނަސޭހަތްތެރިވެފައެވެ.
އެގޮތުން ބްރޯޑްކޮމް އިން ވަނީ އެ ސްޓޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކޮށް، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާއި، ގަވާއިދާ އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަށް އެ ސްޓޭޝަނަށް އިލްތިމާސް ކޮށްފައެވެ.
ރައީސް ޞާލިހުގެ ހަށިކޮޅުގައި އަލިފާން ޖަހަން ޕީޕީއެމްގެ ސަޕޯޓަރެއް ގޮވާލި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ބުނާއިރު، ބްރޯޑްކޮމް އިން ވެސް ބުނެފައިވަނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.