ގދ. ހޯނޑެއްދޫއިން ނެގި ރެންޑަމް ސާމްޕަލްތަކުން 19 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
މީގެ ކުރިން އެ ރަށުން ވަނީ 4 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި އޭގެ ފަހުން ހުކުރު ދުވަހު ވެސް ދެ މީހަކު ޕޮޒިޓިވް ވެފައިވާއިރު، މިހާތަނަށް އެރަށުން ކޮވިޑަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު މިވަނީ 25ށް އަރާފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގދ. ހޯނޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒް ވިދާޅުވީ، އެ ރަށުގައި ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޕޮޒިޓިވްވި ހަތަރު ކޭސް އަކީ ހޯމް ކަރަންޓީނުގައި ތިބި ފަރާތްތަކެއް ކަމަށެވެ. ނަމަވެސް ހޮނިހިރު ދުވަހު ލިބިފައިވަނީ ރަށު ތެރެއިން ރެންޑަމްކޮށް ނެގި ސާމްޕަލްތަކުން ޕޮޒިޓިވްވި ކޭސްތަކެއްގެ ނަތީޖާ ކަމަށް އަޔާޒް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ހުރިހާ ކެޓަގަރީއެއްގެ މީހުން ހިމެނޭ ކަމަށާއި އަދި މިހާތަނަށް އެ އެންމެން ވެސް ތިބީ ގޭގައި ކަރަންޓީނުކޮށްފައި ކަމަށެވެ.
"ރަށުގެ އާންމު ހާލަތަށް މާބޮޑު ބަދަލެއް ނާދޭ. ރައްޔިތުން ތިބީ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް ގޭގަ. ޒަރޫރީ ބޭނުންތަކުގައި ފިޔަވާ ހަމަ ހުރިހާ ރައްޔިތުންވެސް އަދި ވަރަށް ރަނގަޅަށް އަމަލުކުރަމުންދަނީ. މިވަގުތު މަގުތަކަށްވެސް ނުކުތުން މަނާކުރެވިފަ. ފިހަރާތަކުން ޑެލިވަރީ އަދި ފައިސާގެ މުއާމަލާތްވެސް ހުއްޓާލެވިފަ." ގދ.ހޯނޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒްގދ.ހޯނޑެއްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަޔާޒް
ހޯނޑެއްދޫގެ ސިއްޙީ ނިޒާމާ ބެހޭގޮތުން ވާހަކަ ދައްކަވަމުން އަޔާޒް ވިދާޅުވީ އެރަށުގައި ކޮވިޑް-19، ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފިނަމަ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދެވޭ ވަރަށް މާސްކް ލިބިފައިނުވާ ކަމަށާއި، ނަމަވެސް މިވަގުތަށް ހުރި ވަސީލަތްތަކުން މެނޭޖް ކުރެވޭނެ ކަމަށެވެ.
ހޯނޑެއްދޫ މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތްއިރު، އިތުރު ކޭސްތަކެއް ފެނުމާއެކު އަދިވެސް އެ ރަށް ލޮކްޑައުން ކުރުމަށް އެޗްޕީއޭ އިން އިރުޝާދު ދީފައިނުވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
ރާއްޖޭގެ އެކި ރަށްތަކުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނައިރު، ހޮނިހިރު ދުވަހު ވަނީ ދ .ކުޑަހުވަދޫން ޕޮޒިޓިވްވި އެއް މަހުގެ ތުއްތު ކުއްޖަކާއެކު އޭނާގެ މަންމަ ލ.ގަމު ކޮވިޑް ފެސިލިޓީއަށް ބަދަލުކޮށްފައެވެ. އަދި އެ ދެމައިންގެ ހާލު ވެސް ރަނގަޅުކަމަށް ގަމު ރީޖަނަލް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.