ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަ ކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ހުންނަ ފިޔަވަތި ހިޔާގައި ކެޕޭސިޓީއަށް ވުރެ ގިނަ ކުދިން މިހާރު ވެސް ބަލަހައްޓަމުންދާ ކަމަށް ޖެންޑަރ މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބެލެހެއްޓުމަށް މާލެ އޭރިޔާގައި ހުރި ހުރިހާ މަރުކަޒުތަކެއްގައި ކެޕޭސިޓީއަށް ވުރެ ގިނަ ކުދިން މިހާރު ދިރިއުޅެމުންދާ ކަމަށެވެ. ޚާއްސަކޮށް ހުޅުމާލޭގައި ހުންނަ ފިޔަވަތި ބާރުބޮޑުކަން އައިޝަތު ފާހަގަކުރެއްވިއެވެ.
އައިޝަތު ވިދާޅުވީ ފިޔަވަތި ހިޔާގެ ކެޕޭސިޓީއަކީ 80 ކުދިން ކަމަށާއި، ނަމަވެސް މިހާރު ވެސް ގާތްގަނޑަކަށް 120 ކުދިން އެތަނުގައި ދިރިއުޅެމުންދާ ކަމަށެވެ.
ކެޕޭސިޓީ ފުލްވި ނަމަވެސް ހިޔާގައި ވަރަށް ތަރުތީބުކޮށް އިންތިޒާމްތައް ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި އައިޝަތު ވިދާޅުވީ އެކި އުމުރުފުރާގެ ކުދިން އެކި ފްލޯތަކަށް ބަހާފައިވާ ކަމަށެވެ. އެގޮތުން އެކުދިންނަށް ހިޔާ ހުރިހާ މަރުކަޒަކީ ވެސް ދިރިއުޅުމަށް ރައްކާތެރިތަނެއްގެ ގޮތުގައި އައިޝަތު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން އައިޝަތު ވިދާޅުވީ މިނިސްޓްރީގެ ވިސްނުމަކީ ކުދިން މަރުކަޒު ކުރުން ނޫން ކަމަށާއި، އެހެނިހެން ގޮތްގޮތުން އެކުދިން ދިރިއުޅުމަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށް މަސައްކަތް ކުރާ ކަމަށެވެ. އެގޮތުން ބައެއް ކުދިންނަކީ މަރުކަށް ގޮސްއައިސްވާ ކުދިންގެ ގޮތުގައި އައިޝަތު ފާހަގަކުރެއްވިއެވެ.
ހިޔާގައި ތިބި ކުދިން އަޅުގަނޑުމެންގެ އެހެނިހެން ވެނިއުތަކަށް ބަދަލު ކުރުމުގެ ޕްރޮގްރާމެއް ފަށާގެން އެބަ ކުރިއަށް ގެންދަން. ދެން ކޮވިޑްއާ ހެދި އަޅުގަނޑުމެންނަށް މަޑު ޖެހިފައި އޮތީ ކަންތައްތައް. އޭގައި ވެސް އަޅުގަނޑުމެންނަށް ފާހަގަވެފައިވޭ އަޅުގަނޑުމެންގެ އެބަހުރި އަތޮޅު ތެރޭގައި ވެސް މަރުކަޒުތަކެއް. އެއީ ކުދިންނަށް ވެސް ތިބެވޭ ގޮތަށް ހުރި އަދި މިހާރު ވެސް ބައެއް ކުދިން އެބަ ތިބި އެތަންތަނުގައި. އެހެންވީމަ ކުދިންތައް ކޮންމެ ކަމެއްގައި ވެސް ގެއެއް ގޮތަށް މަދު އަދަދެއްގެ ކުދިން ބައިތިއްބައިގެން އަޅުގަނޑުމެންނަށް ޕްރޮގްރާމް ހިންގޭނީ. އަޅުގަނޑުމެން މިބަލަނީ މިއަހަރު ނިމެންވާއިރަށް އެކަންތައް އެގޮތަށް ގެންގޮސް ނިންމާލެވޭނެ ކަމަށް.ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު
އައިޝަތު ވިދާޅުވީ ޖާގައިގެ ދަތިތަކަމުގެ މައްސަލައަށް ހައްލު ހޯދުމަށް މަސައްކަތް ކުރާތާ ގާތްގަނޑަކަށް ދެއަހަރު ދުވަސްވެފައިވާ ކަމަށާއި، ދާއިމީ ހައްލެއް މިއަހަރު ނިމެންވާއިރަށް ލިބޭނެ ކަމަށެވެ.