ރިސޯޓު ނުވަތަ އެހެނިހެން ބޭނުމަށް ރަށެއް ތަރައްޤީ ކުރާނަމަ މީހުން ދިރިއުޅޭ ރަށްރަށުން ރުއްގަސް ގެންދިއުމުގެ ބަދަލުގައި ހެދިފައިވާ ނާސަރީތަކުން ރުއްގަސް ގެންދިއުމަށް އެފަރާތްތަކަށް ބާރުއެޅުމުގެ ގޮތުން ބޭނުންވާ ޢަދަދަށް ރުއްގަސް ރާއްޖޭގައި ގާއިމްކުރެވޭ ނާސަރީތަކުން ހެއްދުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުންނާއި ފަޅުރަށްތަކުންނާއި އަދި އެކި ބޭނުންތަކަށް ދޫކުރެވިފައިވާ ރަށްރަށުން ރުއްގަސް ނަގައިގެން ގެންދާތީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރ އަލީ ހުސައިން އެވެ. މިގަރާރު އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ދިރާސާކުރުމަށްފަހު އެރިޕޯޓް ފާސްކޮށްފައިވަނީ އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ. ރިޕޯޓް ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 66 މެމްބަރުންގެ އިއްތިފާގުންނެވެ.
އެއްރަށުން އަނެއް ރަށަށް އެއްވެސްވަރަކަށް ރުއްގަސް ނުގެންދެވޭނެ ގޮތަށް ނިންމުމުގެ ބަދަލުގައި، ކަނޑައެޅޭ ހަރުދަނާ އުޞޫލެއްގެ ދަށުން ނުވަތަ މިހާރު އަމަލުކުރާ އުޞޫލު ހަރުދަނާ ކޮށްގެންނަމަވެސް އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދަން ޖެހިއްޖެ ޙާލަތެއްގައި ގެންދެވޭނެ ހަރުދަނާ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ޤަރާރަށް މި އިސްލާޙު ގެނައުމުގެ އިތުރުން ޤަރާރުގައި ފާހަގަކޮށްފައިވާ މައްސަލައަށް ޙައްލު ގެނައުމަށްޓަކައި ކޮމިޓީން 7 ކަމެއް ވަނީ ހުށަހަޅާފައެވެ.
އޭގެތެރޭގައި ހިމެނެނީ :
- - އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން މިހާރު އެކުލަވާލައިފައިވާ ގަވާއިދަށް ގެންނަންޖެހޭ ބަދަލުތައް ކަމާބެހޭ ފަރާތުން ގެނައުމާއި އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމާ ގުޅޭގޮތުން މިހާރު އެކުލަވާލައި ނިމުމަކާ ހަމައަށް ގޮސްފައިވާ ބިލު ވީ އެންމެ އަވަހަށް ރައްޔިތުންގެ މަޖިލީހަށް ކަމާބެހޭ ފަރާތުން ހުށަހެޅުން؛
- - ރުއްގަސް ކަނޑައި އެއް ރަށުން އަނެއް ރަށައް ގެންދިއުމުގައި ހަމައެކަނި ރަށު ކައުންސިލްގެ ބަހެއް ހޯދުމުގެ ބަދަލުގައި، މިހާރަށްވުރެ ބޮޑަށް އެރަށެއްގައި ދިރިއުޅޭ ރައްޔިތުންގެ ޚިޔާލު ހޯދުމާއި، ރަށްރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގޭއިރު ވީހާވެސް ބޮޑަށް ރުއްގަސް މަދު ސަރަޙައްދުތަކުގައި އެފަދަ މަޝްރޫޢުތައް ހިންގުމަށް އިސްކަންދިނުން
- - ތަރައްޤީގެ މަޝްރޫއުތަކަށް އަދި އެހެނިހެން މަޝްރޫޢުތަކަށްވެސް ރުއްގަސް ކަނޑާނަމަ، އޭގެ ބަދަލުގައި ގަވާއިދުގައި ބުނާ ޢަދަދަށް ރުއްގަސް އިންދިކަން ކަމާބެހޭ އިދާރާއިން މިހާރަށްވުރެ ބޮޑަށް ޔަޤީންކުރުން
- - ރާއްޖޭގައި ބިން ހިއްކައި އެބިން ބޭނުންނުކޮށް އޮތް ބިންބިމާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އޮތް ބޮޑެތި ބިންތަކުން ރުއްގަސް އާލާކުރާ ނާސަރީތައް ހެދުމަށް ބިން ދޫކުރުމާއި އެފަދަ ނާސަރީތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން ދެވެން އޮތް އެހީތެރިކަމެއް ފޯރުކޮށްދިނުން
- - ރިސޯޓު ނުވަތަ އެހެނިހެން ބޭނުމަށް ރަށެއް ތަރައްޤީ ކުރާނަމަ މީހުން ދިރިއުޅޭ ރަށްރަށުން ރުއްގަސް ގެންދިއުމުގެ ބަދަލުގައި ހެދިފައިވާ ނާސަރީތަކުން ރުއްގަސް ގެންދިއުމަށް އެފަރާތްތަކަށް ބާރުއެޅުން
- - ސަރުކާރުން ފަށާފައިވާ "ރަށްފެހި ޕްރޮގްރާމް" ހަރުދަނާ ކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި އަހަރުން އަހަރަށް ކުރިއަށް ގެންދިއުން
މީގެއިތުރުން މިކަންކަން ތަންފީޒުވަމުންދާ ގޮތް ކޮންމެ ހަ މަހަކުން ކަމާބެހޭ އިދާރާއިން ކޮމިޓީއަށް ރިޕޯޓުކުރުމަށްވެސް ކޮމިޓީ ރިޕޯޓްގައި ބުނެފައިވެ އެވެ.
މިރިޕޯޓްގައި ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުގެ އަލީގައި ފާހަގަކުރެވުނު ކަންތައްތަކެއްވެސް ވަނީ ހިމަނާފައެވެ.
އޭގެތެރޭގައި ވޭތުވެދިޔަ ތަނަށް ބަލާއިރު އެއްރަށުން އަނެއް ރަށަށް ރުއްގަސް ގެންދިއުމުގެ ކަންކަން ގިނަ ޢަދަދަކަށް ކުރެވިފައިވާކަމާއި، އެކަން ހުއްޓުވަން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީއިންނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށް ކޮމިޓީން ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން ހެދިފައިވާ ގަވާއިދާއި އުޞޫލާ ޚިލާފަށް ރުއް ނެގުމާ ގުޅިގެން ބައެއް ފަރާތްތައް ޖޫރިމަނާކޮށް އެކަން ހުއްޓުވާފައިވާކަން ކޮމިޓީން ވަނީ ފާހަގަކޮށްފައެވެ.
އަދި ވޭތުވެދިޔަ ތަނުގައި ރުއްގަސް ނެގުމަށް ހުއްދަދެވިފައިވާ ޕްރޮޖެކްޓުތަކަށް ބަލާއިރު އެންމެ ގިނައިން ރުއްތައް ނެގިފައި ހުރީ ރަށްރަށުން އަލަށް ގޯތި ދޫކޮށްގެންކަމާއި، އެގޮތުން އާބާދީ ކުދި ރަށްރަށުން އެއްފަހަރާ ގިނަ ޢަދަދަކަށް ގޯތި ދޫކުރުމުން ގިނަ ޢަދަދަކަށް ރުއް ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.
މީގެއިތުރުން ބައޯޑައިވަރސިޓީ އެސެސްކުރުމަށް އެންމެ ފަހުން ހެދުނު ސޭފްޓީ އެންވަޔަރަންމެންޓް ރިޕޯޓުގައި، މީހުން އުޅޭ ރަށްރަށާއި އެހެނިހެން ސިނާޢީ މަސައްކަތްކުރާ ރަށްރަށުގެ ފެހިކަން ގެއްލެމުންދާ މިންވަރު ހުރީ ގާތްގަނޑަކަށް 40 އާއި 50 އިންސައްތަ އާ ދޭތެރޭގައިކަމަށްވެސް ކޮމިޓީ ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.