ދައުލަތަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ގ. ލިއެނާ، ހުސެއިން މުހައްމަދު (ހުސެންބެ) އަވަހާރަވުމާ ގުޅިގެން، ރައީސް އިބްރާހިމް މުހައްމަދު ސާލިހު ތައުޒިޔާ ފޮނުއްވައިފިއެވެ.
ހުސައިން މުހައްމަދު އަވަހާރަވުމާއި ގުޅިގެން ރައީސް ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ ކުރީގެ މެންބަރު ޙުސެއިން މުޙަންމަދު ނިޔާވި ޚަބަރު އެއްސެވީ ފުން ހިތާމަޔާއެކުގައި ކަމަށެވެ. އަދި ޙުސެންނަކީ ޤައުމަށް ތަފާތު އެކި ދާއިރާތަކުން ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަމަށާއި އެމަނިކުފާނުގެ ގާތް ރަހުމަތްތެރިއެއް ކަމަށެވެ.
ހުސައިން މުހައްމަދާއެކު ރައީސް ޞާލިހު އިންނެވި ފޮޓޯއަކާއެކު ކުރެއްވި ޓްވީޓްގައި ރައީސް އިތުރަށް ވިދާޅުވީ ހުސައިން އަކީ ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހެޔޮ ލަފާ މަޝްވަރާ ދެއްވި އެކުވެރިއެއް ކަމަށެވެ.
ރައީސް ސޯލިހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ފަރާތުން ވެސް ވަނީ ހުސައިން މުހައްމަދުގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފައެވެ.
އަދި ދައުލަތުގެ އެކި ވަޒީރުންނާއި ސިޔާސީ މައިދާނުގެ އެކި ފަރާތްތަކުންވެސް ހުސައިން މުހައްމަދު އާއިލާއަށް ގެންދަވަނީ ތައުޒިޔާ ފޮނުއްވަމުންނެވެ.
ހުސައިން މުހައްމަދުގެ އާއިލާއިން މައުލޫމަތު ދިން ގޮތުގައި އޭނާ އަވަހާރަވީ ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެއްވަމުން ދަނިކޮށް ބުރާސްފަތި ދުވަހުގެ ރޭގެ ދަންވަރު ގައެވެ.
ހުސައިން މުހައްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރަގެ މެންބަރުކަން ފާއިތުވި ދެ މަޖިލީހުގައި ކުރައްވާފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އަރިއަތޮޅު އުތުރުބުރީގެ މެންބަރުކަން 2005 ކުން 2009 އަކަށް ކުރައްވާފައިވާ އިރު، ރައްޔިތުންގެ މަޖިލިސްގެ މަތިވެރި ދާއިރާގެ މެންބަރުކަން 2009 ވަނަ އަހަރުން 2019 ވަނަ އަހަރަށް ހުސެން ވަނީ ކުރައްވާފައެވެ.
ހުސައިން މުހައްމަދަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހިދުމަތް ކުރެއްވެމުގެ އިތުރުން ނޫސްވެރިކަން ކުރިއެރުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
ހުސެން މުހައްމަދު ވަނީ ތައުލީމީ ދާއިރާގެ ތަފާތު އެކިއެކި މަޤާމުތަކާއި އިސްމަޤާމުތައް އަދާކުރައްވައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އެގޮތުން އީޑީސީގެ އެކިއެކި މަގާމުތަކާއި، އެޑިޔުކޭޝަން މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ކަމާއި، ޑެޕިއުޓީ މިނިސްޓަރކަން ކުރެއްވިއެވެ.
މީޑިއާގެ ދާއިރާއާއި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އިރު، ހުސެން މުހައްމަދު ވަނީ ޓީވީ މޯލްޑިވްސްގެ ޑެޕިއުޓީ ޑިރެކްޓަރ، ޑިރެކްޓަރ އޮފް ޕްރޮގްރާމްސް އަދި ޑިރެކްޓަރ ޖެނެރަލްކަމާއި، އެގްޒެކެޓިވް ޑިރެކްޓަރކަން ވެސް އަދާކުރައްވާފައެވެ.