ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ސަރުކާރާ ތޮޅެން މަސައްކަތް ނުކުރަމަށް ޖުމްހޫރީ ޕާޓީން އެދިއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ ނައިބް ރައީސް އަހުމަދު ސައުދު ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ނުސީދާ ގޮތަށް އިދިކޮޅަށް ފާޑު ކިޔާފައެވެ. ސައުދު ވަނީ، ގައުމު ދެކެ ލޯބިވާ އެއްވެސް ބަޔަކު ސިޔާސީ މަންފާ ހާސިލު ކުރުމަށް ގައުމު ހަލަބޮލި ނުކުރުމަށް އިލްތިމާސް ކުރައްވާފައެވެ. ޖޭޕީގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވި ފަދައިން ސައުދުވެސް ވިދާޅުވީ، އެ ޕާޓީ އަބަދު ވެސް އޮންނާނީ ސާބިތުކަމާއި އެކީ ސަރުކާރާ އެކު ކަމަށެވެ. އިދިކޮޅުގެ ނަން ނުގެސް ސައުދު ވަނީ ރައްޔިތުން ގުނބޯ ހައްދަން އިދިކޮޅުން މަސައްކަތް ނުކުރުމަށް ގޮވާލާފައެވެ.
ސަރުކާރާ ތޮޅެން މަސައްކަތް ނުކުރުމަށް ސައުދު ވިދާޅުވެފައިމިވަނީ، އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ''ރާއްޖެ ވިއްކާލުމާއި'' ދެކޮޅަށް މުޒާހަރާކޮށް ކަނޑުމަތީގެ އިތުރުން މަގުމަތީގައި ވެސް އަޑު އުފުލާފައި ވަނިކޮށެވެ.
އިދިކޮޅުން ގައިދުރުކަމެއް ނެތި، މާސްކުވެސް ނާޅާ މުޒާހަރާ ކޮށްފައިވާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ. ކޮވިޑުގެ ކޭސްތަކުގެ އަދަދު އިންތިހާއަށް މައްޗަށް ގޮސްފައި ވަނިކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާ ހިލާފަށް މުޒާހަރާ ކޮށްފައިވާތީ ޕާޓީގެ ބައެއް މެމްބަރުންގެ އިތުރުން ދެ ޕާޓީ ވެސް ވަނީ ޖޫރިމަނާ ކޮށްފައެވެ. ގައުމު ވިއްކާލުމާއި ދެކޮޅަށް އިދިކޮޅުން މުޒާހަރާ ކުރަނީ ސަރުކާރުން ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަން އުޅޭ ކަމުގެ ތުހުމަތުތަކާއި އެކުއެވެ. އެކަމަކު ސަރުކާރުން ވަނީ އެވާހަކަތައް ދޮގު ކޮށްފައެވެ.