ޖެންޑަރ މިނިސްޓްރީގެ ބެލުމުގައި ދަށުގައިވާ ކުދިން ބެލުހެއްޓުމުގައިި އިހުމާލުވާ މުވައްޒަވުންނާއި ދޭތެރޭގައި ފިޔަޅުއަޅާ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޖެންޑަރ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު ވިދާޅުވީ މިނިސްޓްރީގެ އެކިހިޔާތަކުގައި ދިރިއުޅެމުންދާ ކުދިން ބަލަމުންދަނީ ވަރަށް ޚާއްސަ ސަމާލުކަމެއްދީގެން ކަމަށެވެ. ތަފާތު އެކިއެކި މިޒާޖުގެ ކުދިން ދިރިއުޅެމުންދާއިރު، މިއީ ވަރަށް އުދަނގޫ އެހާމެ މަސްއޫލިއްޔަތު ބޮޑު މަސައްކަތެއްގެ ގޮތުގައި އައިޝަތު ސިފަކުރެއްވިއެވެ.
އައިޝަތު ވިދާޅުވީ ފާއިތުވެ ދިޔަ އަހަރުތަކުގައި އަދި މިއަހަރުގެ ތެރޭގައި ވެސް ހިޔާ ތަކުގެ ދިރިއުޅޭ ކުދިން ބެލުމުގައި މުވައްޒަފުން، އިހުމާލުވި މައްސަލަތައް ފެންމަތިވެގެން ދިޔަ ކަމަށެވެ.
އެގޮތުން މިނިސްޓްރީން އެމައްސަލަތައް އެސެސްކޮށް ބަލާ އިހުމާލުވި ކަމުގައިވާނަމަ ފިޔަވަޅު އަޅާފައިވާ ކަމަށް އައިޝަތު ވިދާޅުވިއެވެ. އަދި ވިދާޅުވީ ބައެއް މުވައްޒަފުން ސަސްޕެންޑް ކުރެވުނު ކަމަށާއި، އަނެއް ބައި މުވައްޒަފުން އޮންނަ އުސޫލުގެ ތެރެއިން ވަކި ކުރެވިފައިވާ ކަމަށެވެ.
މިއަހަރުގެ ތެރޭގައި ވެސް ވާނެ ސަސްޕެންޑް ކުރެވިފައި. އަޅުގަނޑުމެންނަށް މުއައްޒަފުން އެގޮތަށް ފާހަގަވެގެން އެކްޝަން ނަގާފަ ހުންނާނެ. އެމައްސަލައެއް ބަލާއިރު، އަޅުގަނޑުމެންނަށް ސިވިލް ސަރވިސްގެ ތެރެއިން އެމީހަކު ވަޒީފާއިން ނުކެނޑުނު ކަމުގައި ވިޔަސް އެތަނަށް އެމީހަކު ފޮނުވައިގެން ކުދިންނާއި އެއްކޮށް މަސައްކަތް ކުރުން މަނާ ކުރެވިފައި ވަނީ. އެގޮތަށް ފިޔަވަޅު އެޅެމުންދަނީ.ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު
އައިޝަތު ވިދާޅުވީ މިއަހަރުގެ ތެރޭގައި އިހުމާލުގެ މައްސަލާގައި ދެމުވައްޒަފަކު ސަސްޕެންޑް ކުރެވިފައިވާ ކަމަށެވެ. އަދި އެކިކަހަލަ އިހުމާލުގެ މައްސަލަތައް މުވައްޒަފުންގެ ފަރާތުން ފެންމަތިވި ކަމުގައިވީ ނަމަވެސް ޖިންސީ ގޯނާގެ މައްސަލައެއް މިއަދާ ހަމައަށް ރިޕޯޓު ކޮށްފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖެންޑަރ މިނިސްޓްރީން ކުޑަ ކުދިންގެ މައްސަލަތައް ޚާއްސަ ސަމާލުކަމެއްދީގެން ބަލަމުންދާއިރު، ޖުލައި މަހުގެ ނިޔަލަށް ޖުމުލަ 170 މައްސަލައެއް ރިޕޯޓު ކޮށްފައިވެއެވެ.