ކޮވިޑް-19 ގެ ހާލަތާ ގުޅިގެން މެލޭޝިޔާ އަށް އަނބުރާ ނުދެފައި ތިބި ދަރިވަރުންނަށް ހާއްސަކޮށްގެން އިތުރު ޗާޓަރު ފްލައިޓެއް ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އޭސް ޓްރެވެލްސް އިން ބުނެފިއެވެ.
އޭސް ޓްރެވެލްސް އިން ވަނީ މިދިޔަ މަހުގެ ފަހުކޮޅުވެސް މެލޭޝިޔާ އަށް ދާން ބޭނުންވާ ދަރިވަރުންނަށް ހާއްސަ ފްލައިޓެއް ބާއްވާފައެވެ. އެ ފްލައިޓްގައި 50 ދަރިވަރަކު ވަނީ ގެންގޮސްފައެވެ.
އޭސް ޓްރެވެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގް ރާއްޖެ.އެމްވީ އަށް ވިދާޅުވީ، މި މަހުގެ 27 ގައި ބާއްވާ ޗާޓަރު ފްލައިޓް އަށް މިހާރުން ފެށިގެން ބުކް ކުރެވޭނެ ކަމަށެވެ. ޓިކެޓްގެ އަގު އުޅެނީ 550 ޑޮލަރަށެވެ. އެއީ 30 ކިލޯގެ ބެގެޖް އެލަވެންސް ހިމެނޭ ގޮތަށެވެ. އޭނާ ވިދާޅުވީ، އެ ފްލައިޓަކީ 180 މީހުންގެ ޖާގައިގެ ފްލައިޓެއް ކަމަށެވެ.
މެލޭޝިޔާ އަަށް ދަރިވަރުން ގޮވައިގެން އިތުރު ފްލައިޓެއްގެ ދާ ގޮތަށް ނިންމާފައިވާއިރު އެ ގައުމަކީ ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ އެއް ގައުމެވެ. ޓެއިލާސް ޔުނިވާސިޓީ އާއި ސަންވޭ ޔުނިވާސިޓީ އަކީ ގިނަ އަދަދެއްގެ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ޔުނިވާސިޓީ ތަކެކެވެ. ކޮވިޑުގެ ހާލަތާއި ގުޅިގެން މެލޭޝިޔާ އަށް އެތެރެނުވެވި ގިނަ ގައުމުތަކެއްގެ ދަރިވަރުންތަކެއް މިހާރުވެސް ތިބި ކަމަށް އެ ގައުމުގެ އެޑިއުކޭޝަން މެލޭޝިޔާ ގްލޯބަލް ސާވިސް އިން ވަނީ ބުނެފައެވެ. މީގެ ތެރެއިން އެންމެ ގިނަ ދަރިވަރުންނަކީ ޗައިނާ އަށް ނިސްބަތްވާ ދަރިވަރުންނެވެ.
ކޮވިޑް-19 ފެތުރުން ފެށިތަނާއި އެކު ގިނަ ޔުނިވާސިޓީތަކެއް ބަންދުކޮށް ބައެއް ޔުނިވާސިޓީތަކުން ކިޔެވުން ކުރިޔަށް ގެންދިޔައީ އޮންލައިންކޮށެވެ. ކޮލެޖްތައް ބަންދުކުރުމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް އޭގެ ނޭދެވޭ އަސަރުކޮށްފައިވެއެވެ. އަދި ބައެއް ގައުމުތަކުގައި ދަރިވަރުންގެ ކިޔެވުން މެދުކަނޑާލަން ވެސް ޖެހުނެވެ.