ކުންފުނިތަކުގެ އިސް މަގާމުތަކުގައި 60 އިންސައްތަ ދިވެހިން ތިބުން ލާޒިމް ކުރެވޭނީ ފަސް އަހަރު ފަހުން ކަމަށް ކަނޑައެޅީ ދިވެހިން ބިނާކުރެވޭނީ މަދުވެގެން ފަސް އަހަރު ދުވަހުން ކަމަށްވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހުމަދު އީސަ ވިދާޅުވެއްޖެއެވެ.
50ށް ވުރެ ގިނަ މުވައްޒަފުން ތިބޭ ކުންފުނިތަކުގެ ސީނިއަރ މެނޭޖްމެންޓުގެ މަޤާމުތައް 60 އިންސައްތަ ދިވެހިންނަށް ދޭން ލާޒިމް ކުރާ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުއްވީ، އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ. މަޖިލީހުގެ އިޖްތިމާއި ކޮމިޓީއާއި އިގްތިސާދީ ކޮމިޓީ ގުޅިގެން އެކުލަވާލާފައިވާ ޖޮއިންޓް ކޮމިޓީން އެ އިސްލާހު ފާސްކުރީ ބައިވެރިވެވަޑައިގެންނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުންނެވެ. ނަމަވެސް އެ ގާނޫނަށް އަމަލު ކުރާނީ ފަސް އަހަރު ފަހުން ކަމަށް ކަނޑައެޅުމާއި ގުޅިގެން އާއްމުންގެ ފާޑުކިޔުން އަމާޒުވިއެވެ.
އެ ކޮމިޓީގެ މުގައްރިރު އީސަގެ ސަމާލުކަމަށް ވެސް ވަނީ އެ ޝަކުވާތައް އައިސްފައެވެ. ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު އީސަ ވިދާޅުވީ، ދެ އަހަރުގެ ނުވަތަ ތިން އަހަރުގެ މުއްދަތެއް ކަނޑަނޭޅި ސަބަބާއި މެދު ބައެއް އާންމުން ސުވާލު އުފައްދަވަމުންދާ ކަމަށެވެ.
އީސަ ވިދާޅުވީ ފަސް އަހަރުގެ މުއްދަތު ކަނޑައެޅުމާއި ގުޅޭ ގޮތުން ކޮމިޓީގެ މެމްބަރުންގެ މެދުގައި ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލު ކުރެވި ބަހުސް ކުރެވުނު ކަމަށެވެ.
ފަސް އަހަރު ކަނޑައަޅަން ޖެހުނު ސަބަބު ތަފްސީލުކޮށް ދެއްވަމުން އީސަ ވިދާޅުވީ، 50ށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ކުންފުނިތަކުގެ އަދަދުތަކާއި އެ ކުންފުނިތަކުގައި ދިވެހިން ހަރަކާތްތެރިވާ މިންވަރު އެނގޭ ފަދަ އެއްވެސް ދިރާސާއެއް ހެދިފައި ނެތުމުން ކޮމިޓީން ބެލީ އެންމެ ޕްރޮފެޝަނަލް ކުންފުނިތަކުގައި ސީނިއަރ މުވައްޒަފުންނަށް ނެގުމުގައި އަމަލުކުރަމުންދާ އުސޫލުތަކަށް ކަމުގައެވެ.
އަޅުގަނޑުމެން ބެލިއިރުގައި މިސާލަކަށް ލަގްޒަރީ ހޮޓެލް ބްރޭންޑުގައި އެޗްއާރް ޑައިރެކްޓަރަކަށް ހުންނަ މީހާއަކީ އެމީހާގެ މިނިމަމް ކޮލިފިކޭޝަންގެ ގޮތުގައި ޑިގްރީ އޮވެއްޖެއްޔާ ތިން އަހަރު ދުވަހުގެ ތަޖުރިބާ ހުންނަން ޖެހޭ. ނުވަތަ މާސްޓާސް ޑިގްރީއެއް އޮވެއްޖެއްޔާ މަދުވެގެން ދެ އަހަރު ދުވަހުގެ އަމަލީ ތަޖުރިބާ ހުންނަން ޖެހޭ ކަމަށް ދެކޭއަހުމަދު އީސަ - ކެނދިކުޅުދޫ ދާއިރާގެ މެމްބަރު
އީސަ ވިދާޅުވީ، އެ އިސްލާހަކީ ހަމައެކަނި ޓުއަރިޒަމް ދާއިރާއަކަށް އޮތް އިސްލާހަކަށް ނުވެފައި ދެން ބަލާފައި ވަނީ ގާނޫނު ތަސްދީގު ވާ ހިސާބުން ކިޔަވާ ނިންމާ ކުދިން ތަމްރީނު ހާސިލް ކުރުމަށް ނަގާނެ މުއްދަތާއި އަދި ކުންފުނިތަކުން އެ މީހުން ބަލައިގަންނާނެ މުއްދަތު ކަމަށެވެ.
މި ގާނުނު ތަސްދީގުވާ ހިސާބުން ކުންފުނިތަކުން ސްކޫލް ނިންމާފަ ނިކުންނަ ކުދިން ސްޕޮންސަކޮށްގެން ތަމްރީނުކުރަން ފެށިޔަސްވެސް އެ މަގާމުތަކަށް ވާވަރަށް ތަމްރީނުކޮށްފައި ތިބި އެ ކުންފުނިތަކުން ބަލައިގަންނަ ކުންފުނިތައް ހިތްހަމަޖެހޭ ވަރުގެ ތައުލީމާއި ތަޖުރިބާ ހުރި މީހުން ހޯދޭނީ ފަސް ވަރަކަށް އަހަރުގެ މުއްދަތެއް ދީގެންނޭ. އެހެންވީމަ އެގޮތުން ފަސް އަހަރުގެ މުއްދަތު ލިޔެފައި އިއޮތީއަހުމަދު އީސަ - ކެނދިކުޅުދޫ ދާއިރާގެ މެމްބަރު
ޕްރޮގްރާމްގައި އީސަ ވިދާޅުވީ، ވަޒީފާގެ ގާނުނަށް ގެންނަ އިސްލާހުގެ ސަބަބުން ޓުއަރިޒަމް ދާއިރާގައި އަދި ޕްރައިވެޓް ސެކްޓަރު ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަރަށް ބޮޑެތި ކުރި އެރުންތަކެއް ލިބިގެންދާނެ ކަމަށެވެ.