ގދ. ތިނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ގއ. ވިލިނގިއްޔަ އެރުވިޔަ ނުދީ މުޒާހަރާ ކުރުމުން އެ މީހާ އެންމެ ފަހުން ހުޅުމާލޭ މެޑިކަލް ފެސިލިޓީއަށް ގެނެސްފިއެވެ.
ތިނަދޫ އިން ކޮވިޑަށް ޕޮޒިޓިވްވި ހައި ރިސްކު މީހާއަށް އިތުރު ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީއަށެވެ. ނަމަވެސް ވިލިނގިލީގައި ދިރިއުޅޭ ޕީޕީއެމްގެ އެކްޓިވިސްޓުން ވަނީ ބަނދަރަށް ނުކުމެ އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް އެމީހާ ރަށަށް އެރުވިޔަ ނުދީ ފޮނުވާލާފައެވެ.
ހޯމަ ދުވަހު މެންދުރުފަހު ބަލި މީހާ ގޮވައިގެން ވިލިނގިއްޔަށް ދިޔަ ސީ އެންބިއުލާންސް ވަނީ އެރަށު ނެރުމަތީގައި ދެ ގަޑިއިރު ވަންދެން މަޑުކޮށްފައެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވައިގެ މަގުން އެ މީހާ މިހާރު މާލެ ގެނެސް ހުޅުމާލޭގައި ހުންނަ ހާއްސަ ފެސިލިޓީއަށް ބަދަލު ކޮށްފައިވާ ކަމަށެވެ.
ތިނަދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް އެ ރަށުގެ އިދިކޮޅު ސިޔާސީ މީހުން ދެކޮޅު ހަދައި އިހުތިޖާޖު ކުރުމުން ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންގެ ނަމުގައި އެކަން ކުއްވެރިކޮށްފައެވެ.