ގދ. ތިނަދޫއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ފަރުވާދޭން ރަށަށް ނޭރުވުމުން މާލެ ފޮނުވާލާފައިވާ ކަމަށް ގދ. އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓުން ބުނެފިއެވެ.
ތިނަދޫން ކޮވިޑަށް ޕޮޒިޓިވްވި ހައި ރިސްކު މީހާއަށް އިތުރު ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިއުމަށް މަސައްކަތް ކޮށްފައިވަނީ ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީއަށެވެ. ނަމަވެސް ވިލިނގިލީގައި ދިރިއުޅޭ ޕީޕީއެމްގެ އެކްޓިވިސްޓުން ވަނީ ބަނދަރަށް ނުކުމެ އެކަމާ ދެކޮޅަށް އިހުތިޖާޖުކޮށް އެމީހާ ރަށަށް އެރުވިޔަ ނުދީ ފޮނުވާލާފައެވެ.
ހޯމަ ދުވަހު މެންދުރުފަހު ބަލި މީހާ ގޮވައިގެން ވިލިނގިއްޔަށް ދިޔަ ސީ އެންބިއުލާންސް ވަނީ އެރަށު ނެރުމަތީގައި ދެ ގަޑިއިރު ވަންދެން މަޑުކޮށްފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ގދ. އަތޮޅުގެ ކޮވިޑް ފޯކަލް ޕޮއިންޓުގެ ފަރާތުން ޝަހުޒާ ހުސައިން ވިދާޅުވީ ބަލި މީހާ ހޯމަ ދުވަހުގެ ހަވީރު 17:30 ހާއިރު މާލެ ދިއުމަށް ފުރާފައިވާ ކަމާށެވެ. ނަމަވެސް އެމީހާ ގެންދަނީ މާލެ ސަރަޙައްދުގެ ކޮން ފެސިލިޓީއަކަށް ކަން ސާފުނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝަހުޒާ ވިދާޅުވީ މުޅި ދުނިޔެ މިފަދަ ނާޒުކު ހާލަތެއްގައި ބަލި މީހަކާ ދޭތެރޭ އަމަލު ކުރި ގޮތް ކުއްވެރި ކުރާ ކަމަށާއި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޝަހުޒާ ވިދާޅުވީ ބަލި މީހާ ކޮވިޑް ފެސިލިޓީއަށް ފޮނުވީ އޭނާ އަކީ ހައި ރިސްކު ކެޓަގަރީގައި ހިމެނޭ މީހަކަށްވާތީ ދެ ރަށުގެ ވެސް ޑޮކްޓަރުންނާއި ސިއްހީ މާހިރުން އެކަމަށް މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި އެކަމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެސް ވެފައިވާ ކަމަށް ޝަހުޒާ ވިދާޅުވިއެވެ.
ޝަހުޒާ ވިދާޅުވީ މިފަދަ ގޮތަކަށް ބަލި މީހަކާ ދޭތެރޭ ކަންތައް ވެގެންދިއުމުން ގދ. އަތޮޅުގައި ނުވަތަ ތިނަދޫގައި ކޮވިޑް ފެސިލިޓީއެއް ގާއިމުކޮށްދިނުމަށް ސަރުކާރަށް ދަންނަވާ ކަމަށެވެ.
ތިނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާ ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިއުމަށް އެ ރަށުގެ އިދިކޮޅު ސިޔާސީ މީހުން ދެކޮޅު ހަދައި އިހުތިޖާޖު ކުރުމުން ހުވަދު އަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ރައްޔިތުންގެ ނަމުގައި އެކަން ކުއްވެރިކޮށްފައެވެ.