ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ނިމެންދެން މި ދައުރު ދިގު ދައްމާލައިފިއެވެ.
ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށްފަހު އެންމެ ފުރަތަމަ އެ މައްސަލަ ތަޅުމަށް ގެނައީ މިދިޔަ ހަފްތާއެވެ. ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން އެ މައްސަލަ ދިރާސާ ކުރުމަށްފަހު މައުސޫމަށް ރުހުން ދިނުމަށް ފެންނަ ކަމަށް ފާސްކޮށް ކޮމިޓީ ރިޕޯޓް ތަޅުމާ ހަމައަށް އައި ފަހުން މައުސޫމް ކުރެއްވި މިނިސްޓަރުކަމުގެ ހުވާގައި ޤާނޫނީ މައްސަލަތަކެއް މެމްބަރުން ފެންމަތި ކުރެއްވިއެވެ. އެއީ މިނިސްޓަރ ކަމުގެ މަގާމަށް އައްޔަނުކުރައްވާ އެކަމުގެ ހުވާ ކުރެއްވިއިރު މައުސޫމް ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައި ހުންނެވުމުންނެވެ. އެއާއެކު އަނެއްކާވެސް އެ މައްސަލަ ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވާލިއެވެ.
މައްސަލަ ދިރާސާ ކުރުމަށްފަހު ކޮމިޓީން ނިންމީ ޑރ މައުސޫމް އަލުން މިނިސްޓަރުކަމުގެ ހުވާކުރެއްވުމަށެވެ. ކޮމިޓީ ރިޕޯޓް ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވަނިކޮށް މައުސޫމް ވަނީ މިނިސްޓަރުކަމުން އިސްތިއުފާ ދެއްވާ އަލުން އެ މަގާމަށް އައްޔަންކުރައްވާ ހުވާކުރައްވާފައެވެ. އަދި މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވިއެވެ.
ހޯމަ ދުވަހުގެ ޖަލްސާ އަކީ މިދައުރުގެ އެންމެ ފަހު ޖަލްސާއަށްވާއިރު އެޖަލްސާގައި ވަނީ މައުސޫމަށް ރުހުން ދިނުމުގެ މައްސަލަ އިތުރަށް ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައެވެ. އެހެންކަމުން ދެން މަޖިލީސް ފެށޭނީ މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު ކަމަށްވާތީ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރ އީވާ އަބްދުﷲ ވަނީ މައުސޫމަށް ރުހުން ނުދީ ގިނަ ދުވަސްތަކެއް ވާނެތީ އެކަން ނިންމުމަށްފަހު މަޖިލިސް ޗުއްޓީއަށް ދިޔުމަށް ހުށަހަޅުއްވާފައެވެ.
ދައުރު ދިގުދައްމާލުމަށް ނެގުނު ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ ވޯޓުން ވަނީ ދައުރު ދިގު ދައްމާލުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ. މިދައުރު ދިގު ދައްމާލާފައިވަނީ ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހާ ހަމައަށެވެ.
ހޯމަ ދުވަހުގެ ޖަލްސާއަށް ގިނަ މަސައްކަތްތަކެއް އެޖެންޑާކޮށްފައިވާއިރު ޖަލްސާ ފެށުމަށްފަހު ވަނީ އެޖެންޑާގައި ހުރި މަސައްކަތައް ނިމެންދެން ޖަލްސާ ކުރިޔަށް ގެންދިޔުމަށް ފާސްކޮށް ޖަލްސާ ވަނީ ކުރިޔަށް ގެންގޮސްފައެވެ. އާންމު ގޮތެއްގައި ޖަލްސާތައް ކުރިޔަށްދަނީ ހެނދުނު 9ން މެންދުރު 2:30ށް ނަމަވެސް ހޯމަ ދުވަހުގެ ޖަލްސާ އިޝާ ނަމާދާ ހަމައަށް ކުރިއަށް ގެންދާނެއެވެ. މި ޖަލްސާގައި ވޯޓަށް އެހުމަށް 70 ކަމެއް ވާކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފައެވެ.