ގއ. ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދިޔަ ބަލި މީހަކު އެރަށަށް އަރުވަން ދެކޮޅު ހަދައި އިހުތިޖާޖު ކޮށްފައިވަނީ ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ކަމަށް ވިލިނގިލީ ކައުންސިލުން ބުނެފިއެވެ.
ރާއްޖޭގެ ފަސް ސަރަހައްދެއްގައި ކޮވިޑަށް ފަރުވާދޭ ފެސިލިޓީތައް ގާއިމުކޮށްފައިވާއިރު، ވިލިނގިލީގައި ހުންނަ ކޮވިޑް ފެސިލިޓީއަށް ގެންގޮސްފައިވަނީ ހުކުރު ދުވަހު އިދިކޮޅު މުޒާހަރާގައި ބައިވެރިވި ގދ. ތިނަދޫ މީހެކެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިލިނގިލީ ކައުންސިލްގެ މެންބަރު ހަބީބު ހަސަން ވިދާޅުވީ، ބަލި މީހާ ރަށަށް އެރުވުމާ ދެކޮޅަށް އިހުތިޖާޖު ކުރަނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. އަދި އެކަމަކީ މިފަދަ ނާޒުކު ވަގުތެއްގައި ސަރުކާރަށް ޖެއްސުން ކުރުމުގެ ގޮތުން ޖައްސާ ސްޓަންޓެއް ކަމަށެވެ.
"މުޅި ރަށުގެ ރައްޔިތުންނެއް ނޫން އިނގޭތޯ މިކަމާ ދެކޮޅުވެގެން މިއުޅެނީ. މިއީ ރަށުގައި އުޅޭ ޕީޕީއެމްގެ މީހުން ރާވައިގެން ހިންގާކަމެއް. ބަލިމީހާއަށް އަވަސް ފަރުވާ ނުދީ އެހެން ހިފެހެއްޓުމަކީ އިންސާނިއްޔަތު ކަމުގެ މިންވަރެއްވެސް މި މީހުންގެ ކިބައިގައި ނެތުން."ގއ. ވިލިނގިލީ ކައުންސިލް މެންބަރު ހަބީބު ހަސަން
ހަބީބު ވިދާޅުވީ މިނިސްޓްރީ އާއި ޑޮކްޓަރުންގެ ޓީމުން ވިލިނގިލީ ކައުންސިލަށް ބަލިމީހާގެ މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އޭނާއަކީ އުމުރުން ދުވަސްވީ މީހެއްކަމުން ހައި ރިސްކު މީހެއްގެ ގޮތުގައި ބަލައި ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރަންޖެހޭ ކަމަށް އަންގާފައިވާ ކަމަށެވެ.
ހަބީބު ވިދާޅުވީ ބަލިމީހާ ރަށަށް ބޭލުމަށް އިދިކޮޅު ފަރާތްތަކުން ހުރަސް އެޅުމުން ފުލުހުންގެ ނުކުމެ ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިލިނގިލީ ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވީ ތިނަދޫއިން ކޮވިޑް ޖެހިގެން ގެނައި މީހާއަށް ފަރުވާ ނުދެވި 2 ގަޑިއިރު ސީއެންބިއުލަންގައި ބާއްވަންޖެހުނު ކަމަށެވެ. އަދި ބަނދަރުމަތީގައި އިދިކޮޅުން އިހުތިޖާޖުކުރާތަން ފެނުމުން ބަލިމީހާ ވިލިނގިއްޔަށް އަރަން ބޭނުން ނުވުމުން ތިނަދޫ ހޮސްޕިޓަލްގެ ލަފަޔާއި އެމްއެންޑީއެފްގެ އެހީތެރިކަމާއެކު މިހާރު ތިނަދޫއަށް ގެންގޮސްފައިވާ ކަމަށެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ އެހީތެރިކަމާއެކު އަނެއްކާ ވެސް ބަލިމީހާ ވިލިނގިލީގައި ހުރި ކޮވިޑް ފެސިލިޓީއަށް ބަދަލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
"ރަށަށް އެރުވޭ ގޮތެއްނުވި، މާކުރިންވެސް އެނގޭނެ ވިލިނގިލީގައި ފެސިލިޓީ ހުންނާނެކަން. ނަމަވެސް ފުލުހުންނަށްވެސް ހުރަސްއަޅާ އެއްވެސް ގޮތަކަށް ރަށަށް އެރުވޭ ގޮތެއްނުވި. ހޮސްޕިޓަލްގެ ފަރާތުން ފުލުހުންނަށް މިހާރުވެސް ވާނެ ދަންނަވާފަ ބަލިމީހާ ރަށަށް އަރުވަން. އެހެން ނަމަވެސް ބަލިމީހާ ވިލިނގިއްޔަށް އަރަން ދެކޮޅު ހެދުމުން މިހާރު ވަނީ ތިނަދޫއަށް ގެންގޮސްފައި. ބަލިމީހާއަކީ 68 އަހަރުގެ މީހެއް. ކޮވިޑް ފެސިލިޓީއަށް ގެންނަން ބުނެފައިވަނީ 65 އަހަރުންމަތީ މީހުން."ވިލިނގިލީ ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު
ވިލިނގިލީ ހޮސްޕިޓަލްގެ މެނޭޖަރު ޝަރީފް އަހުމަދު ވިދާޅުވީ ބަލި މީހާ ރަށަށް އެރުވުމާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ދެކޮޅު ހެދުމުގެ ސަބުބުން ކަމާ ގުޅުންހުރި އިދާރާތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީގެ ލަފާގެ މަތިން ކަންކަން ބައްޓަން ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ފަސް ސަރަޙައްދެއްގައި ވަނީ ކޮވިޑް ފެސިލިޓީތައް ގާއިމުކޮށްފައެވެ. އެގޮތުން ވިލިނގިލީގައި ވެސް ކޮވިޑަށް ފަރުވާދިނުމަށް ފެސިލިޓީއެއް ގާއިމުކޮށް އެތަނުގައި ވަނީ ބަލިމީހާއަށް ފަރުވާދޭނެ ގިނަ ވަސީލަތްތަކާއެކު ވެންޓިލޭޓަރު ވެސް ބަހައްޓާފައެވެ.