ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 21:27
އިދިކޮޅު ހަރަކާތުގެ އިސް ލީޑަރު ޕީއެންސީގެ ރައީސް އަބްދުރަހީމްގެ އަރިހުގައި ހައުކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން (ކ) އަދި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު (ވ)ގައި: ދާދިފަހަކާ ޖެހ
އިދިކޮޅު ހަރަކާތުގެ އިސް ލީޑަރު ޕީއެންސީގެ ރައީސް އަބްދުރަހީމްގެ އަރިހުގައި ހައުކޯޓުގެ ކުރީގެ އިސްފަނޑިޔާރު ޝުޖާއު އުސްމާން (ކ) އަދި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު (ވ)ގައި: ދާދިފަހަކާ ޖެހ
މުހައްމަދު ފަޒީން
ޝުޖާއު އުސްމާނާއި ހަސަން ނަޖީބު
އިއްޔެ ފަނޑިޔާރުކަމުގައި، މިއަދު އިދިކޮޅު ލީޑަރުގެ ގާނޫނީ ވަކީލަކަށް!
ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހުގައި އެކަމަށް ވޯޓަށް އެހުމުގެ ކުރިން ޝުޖާއު އިސްތިއުފާ ދެއްވީ މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހު
ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ނިންމައި، މަޖިލީހުގައި އެކަމަށް ވޯޓަށް އެހުމުގެ ކުރިން ހަސަން ނަޖީބު އިސްތިއުފާ ދެއްވީ މިދިއަ ޖުލައި މަހުގެ 6 ވަނަ ދުވަހު
ފަނޑިޔާރު ކަމުގައި ބޮޑެތި ޖިނާއީ ކުށްތަކެއް ކުރިކަމުގެ ތުހުމަތު އެ ދެބޭފުޅުން ކުރެވިފައި ވޭ

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުގެ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ ގާނޫނީ ވަކީލަކަށް ދާދިފަހަކާ ޖެހެންދެން ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާން އާއި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ ހަސަން ނަޖީބު ހަމަޖައްސަވައިފިއެވެ.

އަބްދުއްރަހީމް ފުލުހަށް ހާޒިރު ކޮށްފައިވަނީ "ރާއްޖެ ވިއްކާލުމާ ދެކޮޅަށް" މި ނަމުގައި މިދިޔަ ހުކުރު ދުވަހު އިދިކޮޅު ކޯލިޝަނުން މާލޭގައި ބޭއްވި ސައިކަލު ބުރާއެކު ބޭއްވި އެއްވުމާ ގުޅިގެންނެވެ. މި މައްސަލާގައި އަބްދުއްރަހީމް ވަނީ 1000ރ އިން ޖޫރިމަނާ ކޮށްފައެވެ.

ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށްފަހު، ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އަބްދުއްރަހީމްގެ ގާނޫނީ ޓީމުގެ ހަސަން ނަޖީބާއި ޝުޖާއު އުސްމާން ވިދާޅުވެފައިވަނީ، އަބްދުއްރަހީމް ޖޫރިމަނާ ކޮށްފައިވަނީ، ގާނޫނުއަސާސީގެ 20 ވަނަ މާއްދާގައި ބުނާ ހަމަހަމަ ކަމުގެ މާއްދާއާ ހިލާފަށް ކަމަށެވެ.

އެހެންކަމުން މި މައްސަލަ ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ވެސް ހަސަން ނަޖީބާއި ޝުޖާއު އުސްމާނު ވިދާޅުވިއެވެ.

ހަމަހަމަކަން ނެތްކަމަށް އަބްދުއްރަހީމްގެ ގާނޫނީ ވަކީލުން އެ ވިދާޅުވާ ވިދާޅުވުން އަބްދުއްރަހީމް ވަނީ ތަފްސީލް ކޮށްދެއްވާފައެވެ. އަބްދުއްރަހީމް ވިދާޅުވީ، ހުކުރު ދުވަހުގެ ރޭ އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަޑައިގެން، އުޅުއްވިއިރު، އެތަނުގައި ގައިދުރުކަން ނެތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ޝިޔާމު އަށް އަނިޔާވާ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ނެރެލެއްވި ޖަލްސާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކުރިއަށް ގެންދެވީ ގައިދުރުކަން ނުބަހައްޓަވާ ކަމަށެވެ. އަދި ރައީސް ނަޝީދު ލިޔުއްވާފައިވާ "ދެ ރަދުން" ގެ ފޮތް، އެމަނިކުފާނު ނެރެދެއްވުމަށް ބޭއްވި އިވެންޓްތަކުގައި ވެސް ގައިދުރުކަމާއި މާސްކު އަޅުއްވާފައިނުވާ ކަމަށެވެ.

އެހެންކަމުން ޖޫރިމަނާ ކުރުމުގައި ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަން ވެސް ނެތް ކަމަށް އަބްދުއްރަހީމް ވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމްގެ ގާނޫނީ ވަކީލުގެ ގޮތުގައި އުޅުއްވާ، ހަސަން ނަޖީބާއި ޝުޖާއު އުސްމާނަކީ، ފެށުނީއްސުރެން، ޕީޕީއެމްގެ ހަރަކާތްތަކުގައި އުޅުއްވާ، އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ވެސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ކެމްޕެއިން ހަރަކާތްތަކުގައި އުޅުއްވި ދެ ބޭފުޅުންނެވެ. އެ ދެ ބޭފުޅުންނަށް ފަނޑިޔާރު ކަމުގައި ލިބިލެއްވި ކުރިއެރުންތަކަށް ލިބިލައްވާފައި ވަނީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެގޮތުން، ކްރިމިނަލް ކޯޓުގެ ގާޒީ ކަމަށް އެ ދެބޭފުޅުން އައްޔަން ކުރެއްވުމާއި، އަދި ފަހުން، ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށް ޝުޖާއު އުސްމާނު އައްޔަން ކުރެވިގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.

ޝުޖާއު އުސްމާނާއި ހަސަން ނަޖީބު ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ، އެ ދެ ބޭފުޅުންނާ ގުޅޭ އެތައް މައްސަލައެއް ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ހުށަހެޅި، އެ ދެ ބޭފުޅުން ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ނިންމައި އެކަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، ރައްޔިތުންގެ މަޖިލީހުގައި އެކަމަށް ނަގަން ޖެހޭ ވޯޓުގެ ކުރިންނެވެ.

ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނެވި ޝުޖާއު އުސްމާން ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރައްޔިތުންގެ މަޖިލީހުން އިއުލާން ކޮށްފައިވަނީ، މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހުއެވެ. ކުރިން ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމުގައި ހުންނެވި ހަސަން ނަޖީބު ފަނޑިޔާރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާކަން ރައްޔިތުންގެ މަޖިލީހުން އިއުލާން ކޮށްފައި ވަނީ މިދިއަ ޖުލައި މަހުގެ 6 ވަނަ ދުވަހުއެވެ.

ހަސަން ނަޖީބާއި ޝުޖާއު އުސްމާނާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ދީދީ އާއި ހައިކޯޓުގެ ކުރީގެ ފަނޑިޔާރު ހަސަން އަލީގެ އިތުރުން މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގައި ކުރިން ހުންނެވި ޔަޒީދު މުހައްމަދާއި، އޭނާގެ ކޮއްކޮ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ކުރީގެ މެމްބަރު ޔަޒްމީދު މުހައްމަދާއި ސިވިލް ސަރވިސް ކޮމިޝަނުގެ ކުރީގެ މެމްބަރު ޝަހީދު މުހައްމަދު އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ކުރީގެ ރައީސް ޑރ. އަލީ ޝަމީމު، ހިމެނޭ މި ޓީމަކީ ހުވަދޫ އަތޮޅުގައި ޕީޕީއެމްގެ ހަރަކާތް ހިންގުމުގައި އިސްކޮށް އުޅުއްވި ބޭފުޅުންނެވެ.

ހާއްސަކޮށް، ހަސަން ނަޖީބާއި ޝުޖާއު އުސްމާނާއި އަބްދުﷲ ދީދީ އާއި ހަސަން އަލީ އަކީ ފަނޑިޔާރު ކަމުގައި ތިއްބަވައިގެން ބޮޑެތި ޖަރީމާތައް ހިންގާފައިވާ ކަމުގެ ތުހުމަތު ކުރެވޭ ބޭފުޅުންނެވެ. ޖިނާއީ ބޮޑެތި މައްސަލަތަކެއް އެ ބޭފުޅުންގެ މައްޗަށް ތުހުމަތު ކުރެވޭއިރު ވެސް ރައީސް ޞާލިހުގެ ސަރުކާރަށް ދޮޅު އަހަރު ވެގެން ދިޔައިރު އެބޭފުޅުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާ އަދި ދައުވާ ކުރެވިފައެއް ނުވެއެވެ. އަދި ދާދިފަހަކާ ޖެހެންދެން އެބޭފުޅުން ތިއްބެވީ މަގާމުތަކުގައެވެ.

- ކޮމެންޓް
5 ސެޕްޓެންބަރ 2020 | ހޮނިހިރު 23:17
ރާގުންޑާ
އިއްޔެ ފަނޑިޔާރުކަމުގައި، މިއަދު އިދިކޮޅު ލީޑަރުގެ ގާނޫނީ ވަކީލަކަށް! މާދަމާ އުއްތަމަ ފަނޑިޔާރަށްވެސް ލާނަމު. އަސަރު ކުރޭ؟
1 ސެޕްޓެންބަރ 2020 | އަންގާރަ 22:38
ކެކެކެ
މިޚަބަރު އާކައިވް ކުރާނަން ގުންޑާ ސުއޫދުމެން އަނެއްކާވެސް މީހުންގެ މޫނަށް ކުޅުޖަހަމުން ދުވާއިރު ޕޯސްޓް ކޮށްލާ ހެފުމްށް. އޯކޭތަ؟
1 ސެޕްޓެންބަރ 2020 | އަންގާރަ 22:34
ރާގުންޑާ
އިހަށްދުވަހު ރައީސުންގެ ގޭގެއިން ވައްކަން ކުރަމުން ދުވި ވަގެއް. އިއްޔެ މީހުން ވަގަށް ނަގަމުން ދުވި ޓެރަރިސްޓެއް. މިއަދު މަޖިލިހުގެ އިއްޒަތްތެރި ރައީސް. ޕްލީޒް ހަޖަމް!
1 ސެޕްޓެންބަރ 2020 | އަންގާރަ 09:40
ޙުއްތު
ދެން ކާންބޯން ލާރިހޯދަން ކޮންމެސް ކަމެއް ކުރާނެތާ
1 ސެޕްޓެންބަރ 2020 | އަންގާރަ 08:58
ރާއްޖެ.އެމްވީ އަޅެ މިހާރުގެ ސުޕްރީމް ކޯޓުގައި ތިބި ފަނޑިޔާރުންގެ ތަފްސީލީ ރިޕޯޓެއް ލިޔެލަބަލަ. 2018 ގެ ރިޔާސީ އިންތިހާބާ ޖެހެންދެން އެ ފަނޑިޔާރުން ކުރެއްވީ ކޮންކަމެއްތޯ؟ ޖޭއެސްސީ ގައި ތިބީ ކޮންބައެއްތޯ؟ ޖުޑިޝަރީ އޮތީ ކޮންފަރާތަކަށް ބުރަވެތޯ ބަލާފަ ލިޔެލަމާ ރިޕޯޓެއް ދޯ؟