ރ. މަޑުއްވަރީގައި އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ޑިސެމްބަރު މަހަށް ނިންމާލެވޭނެ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު ވިދާޅުވެއްޖެއެވެ.
މަޑުއްވަރީގައި އިންޑިޔާ ސަރުކާރުގެ އެހީގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ އައިސް ޕްލާންޓް ޤާއިމުކުރުމުގެ މަސައްކަތް ލަސްވަނީ ކީއްވެތޯ އަދި އައިސް ޕްލާންޓުގެ މަސައްކަތް ނިމި، ޚިދުމަތް ލިބެން ފަށާނީ ކޮން ތާރީޚެއްގައިތޯ މަޑުއްވަރީ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ކުރެއްވި ސުވާލަށް ޒަހާ ދެއްވި ޖަވާބުގައި މިނިސްޓަރ ވަނީ ތަފްސީލީގޮތެއްގައި މި މަޝްރޫއުއާއި ގުޅިގެން މައުލޫމާތު ހިއްސާކުރައްވާފައެވެ.
ޒަހާ މަޖިލީހާއި ހިއްސާކުރެއްވި މައުލޫމާތަށް ބަލާއިރު އެ ރަށުގައި އައިސްޕްލާންޓެއް ގާއިމުކުރުމަށް ވީއެމްއެން ކޮމްޕެނީ ޕވޓ. ލޓޑ. އާއި އެކު އެގްރިމެންޓެއްގައި ސޮއި ކުރީ 13 ނޮވެމްބަރު 2019 ގައެވެ. އެ ކުންފުންޏާއި މި މަސައްކަތް ހަވާލުކުރެވުނީ 31 މާޗް 2020 ގެ ނިޔަލަށް 140 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމުމަށެވެ. މި އައިސް ޕްލާންޓުގެ އަގަކީ 4.1 މިލިއަން ރުފިޔާއެވެ.
ޒަހާ ވިދާޅުވީ މި މަޝްރޫއުއަށް އިއުލާނު ކުރުމަށްފަހު ކޮންޓްރެކްޓުގެ ސްކޯޕްގެ ތެރޭގައި އީއައިއޭ ހިމަނާ މަސައްކަތަށް 25 ދުވަސް އިތުރުކުރި ކަމަށެވެ. މިމުއްދަތު އިތުރުކުރުމުން އައިސްޕްލާންޓް ގާއިމުކޮށް ނިންމަން ޖެހޭ ތާރީހަކަށް 25 އޭޕްރިލް 2020 ކަނޑައެޅުނު ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އައިސް ޕްލާންޓް ގާއިމު ކުރުމަށް ހަވާލުކުރެވުނު ކޮންޓްރެކްޓަރުގެ ފަރާތުން މަޝްރޫއުގެ މަސައްކަތް ވާރކް ޕްލޭނާއި އެއްގޮތަށް ކުރިއަށް ނުދާތީ މަސައްކަތް އަވަސް ކުރުމަށް އެކި ފަހަރު މަތިން ކުރެވުނު މަޝްވަރާތަކުން ކުރިއެރުމެއް ނުލިބި އަދި މަސައްކަތް ނިންމުމަށް ބޭނުންވާ ފައިނޭންޝަލް ކެޕޭސިޓީ ކުންފުނީގައި ނެތް ކަމަށް ފާހަގަކުރެވުމުން އެ ފަރާތާއި އެކު ވެފައިވާ އެއްބަސްވުން ބާތިލުކުރެވުނު ކަމަށެވެ.
މި އެއްބަސްވުން ބާތިލު ކުރުމާއި ހަމަޔަށް ނިމިފައިވާ މަސައްކަތްތަކަކީ އީއައިއޭ ގެ މަސައްކަތްތަކާއި ފައުންޑޭޝަންއާއި ވަށާ ފާރުގެ މަސައްކަތެވެ. ބާކީ ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ އައިސްޕްލާންޓް ޕްރީފެބް އިމާރާތާއި އައިސްޕްލާންޓާއި ގުޅުންހުރި އެހެނިހެން މެޝިނަރީއާއި ޖެނެރޭޓަރުގެ މަސައްކަތެވެ.
މިނިސްޓަރ ވިދާޅުވީ ރ. މަޑުއްވަރީގެ އައިސްޕްލާންޓުގެ މަސައްކަތް ނިންމުމަށް މިހާރު މަސައްކަތް ކުރަމުންދަނީ ކަމުގެ ތަޖުރިބާހުރި ދައުލަތުގެ ކުންފުންޏަކާއި ހަވާލުކުރެވިގެން ކަމަށެވެ. އަދި ކޮންޓްރެކްޓު ބާތިލުކޮށްފައިވާ ދުވަހާއި ހަމަޔަށް ކުރެވިފައި ހުރި މަސައްކަތްތަކަށް ބާލާއިރު އައިސްޕްލާންޓަކީ ބޭރުން ވަކި ޓެކްނިކަލް ސްޕެސިފިކޭޝަން އަކަށް ތައްޔާރުކޮށްގެން ދިވެހި ރާއްޖެއަށް ގެނެސްގެން ހަރުކުރަންޖެހޭ އެއްޗަކަށްވާތީ އައިސްޕްލާންޓް ގާއިމުކުރުމުގެ މަސައްކަތް ނިންމުމަށް މަދުވެގެން 120 ދުވަސް ބޭނުންވާނެ ކަމަށެވެ. އެހެންކަމުން މިހާރު މި މަސައްކަތް ނިންމޭނެ ކަމަށް އަންދާޒާ ކުރެވެނީ 2020 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށް ޒަހާ ވިދާޅުވިއެވެ.