ކޮވިޑް ރިލީފް ޕެކޭޖްގެ ތެރެއިން ކުރެވޭ މަސައްކަތުގެ އިތުރުން ކުރިޔަށް އޮތްތަނުގައި އެސްއެމްއީ ސެކްޓަރ އަށް އަދި މަސްވެރިކަމާއި ދަނޑުވެރިކަމަށްވެސް ސްޓިމިޔުލަސް ޕެކޭޖްތައް ތަޢާރަފްކޮށްގެން ކުރިޔަށް ގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން އިގްތިޞާދީ ގޮތުން ތަފާތު އެކި ގެއްލުންތައް ކުރިމަތިވި ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ވަނީ ސްޓިމިޔުލަސް ޕެކޭޖްތަކެއް ތަޢާރަފްކުރެވިފައެވެ. ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ އެކޮނިމިކް ރިލީފްގެ ތެރެއިން މިހާތަނަށް 964 މިލިއަން ރުފިޔާ ރައްޔިތުންނަށް ފޯރުކޮށްދީފައިވާނެ ކަމަށެވެ. އޭގެތެރޭގައި ކަރަންޓާއި ފެނަށް ދެވޭ ޑިސްކައުންޓާއި އިންކަމް ސަޕޯޓާއި ބޭންކުތަކުން ދީފައިވާ އެހީތައް މިނިސްޓަރ ފާހަގަކުރެއްވި އެވެ.
އެގޮތުން މިހާތަނަށް އައިއިރު ކަރަންޓާއި ފެން ބިލަށް ދެވޭ ސަބްސިޑީގެ ތެރެއިން 58.4 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އިންކަމް ސަޕޯޓްގެ ގޮތުގައި ގާތްގަޑަކަށް 52 މިލިއަން ރުފިޔާ ދީފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް އާއި އެސްޑީއެފް މެދުވެރިކޮށް މިހާތަނަށް ގާތްގަޑަކަށް 900 މިލިއަން ރުފިޔާގެ ރިލީފް ޕެކޭޖް ދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން އެކި ފަރާތްތަކަށް ބޭނުންވާ ޑެޓް މޮރިޓޯރިއަމްވެސް ދީފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން އެތައް ބަޔަކަށް ވަނީ ނޭދެވޭ އަސަރުތައްކޮށްފައެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ 68 ޕަސެންޓު މީހުންގެ އާމްދަނީ އެއްކޮށް ހުއްޓުނު ކަމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑިޕީ ގުޅިގެން ހެދި ދިރާސާއަކުން ވަނީ ދައްކާފައެވެ. އަދި 38 ޕަސެންޓު މީހުންގެ އާމްދަނީ ވަނީ ދަށްވެފަ އެވެ. އާމްދަނީ އެއްކޮށް ހުއްޓުނު މީހުންގެ ތެރޭގައި މަސްވެރިންނާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އިތުރުން އަމިއްލަ މަސައްކަތް ކުރާ މީހުން ހިމެނޭ ކަމަށް ދިރާސާއިން ވަނީ ދައްކާފައެވެ.