ކ. މާލެ
|
31 އޯގަސްޓް 2020 | ހޯމަ 08:54
މާލެސިޓީގެ މަގުމަތި
މާލެސިޓީގެ މަގުމަތި
ރާއްޖެ އެމްވީ
ކަރަންޓީނު ގަވާއިިދު އިސްލާހުކުރުން
ކަރަންޓީނު އުސޫލުތަކާއި ހިލާފުވާ މީހުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަނީ
ގައިންގަޔަށް އަރާ ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ކޮންމެ މީހަކު ވެސް އިހުތިރާމްކޮށް އެއްބާރުލުން ދޭންޖެހޭނެ
ރާއްޖޭގައި ހަލުވިކަމާއިއެކު ކޮވިޑް-19 އަންނަނީ ފެތުރެމުން

ގައިންގަޔަށް އަރާ ބަލިތަކާއި ގުޅިގެން ކަރަންޓީނު ކުރާ މީހުން ކަރަންޓީނުގެ އަމުރާއި ހިލާފުވެއްޖެނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާ އެކަހެރި ކުރުމުގެ މަރުކަޒުތަކާއި ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާ ބެހޭ ގަވާއިދަށް އިސްލާހު ގެނަސްފިއެވެ.

މި ގަވާއިދަށް އިސްލާހު ގެނަސް އާދީއްތަ ދުވަހު ގެޒެޓްކޮށްފައިވާ އާ ގަވާއިދުގައި ބުނެފައި ވަނީ ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި، އެކަހެރިކޮށް ބެހެއްޓުމުގެ މަރުކަޒު ކަނޑައެޅުމުން، ނުވަތަ އެކަހެރި ކޮށްފައި ބަހައްޓައިގެން ފަރުވާ ދިނުމަށް ހަމަޖެހިފައިވާ އުސޫލު ކަނޑައަޅާ އެކަން ކުރަން ފެށުމާއެކު އެ ކަމަށް އިހުތިރާމްކޮށް އާންމު ސިއްހަތުގެ ނުރައްކާ ކޮންޓްރޯލް ކުރުމަށް ނުވަތަ ގައިންގަޔަށް އަރާ ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތަށް ކޮންމެ މީހަކު ވެސް އިހުތިރާމްކޮށް އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ. އަދި އެކަމާއި ހިލާފު ވެއްޖެނަމަ އެއީ ކުށެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދުގައި ބުނެފައިވަނީ އެކަހެރިވުމަށް އަންގައިފައިވާ މީހަކު، އެ މީހަކަށް އަންގައިފައިވާ އެންގުމާއި ހިލާފުވެއްޖެނަމަ 5،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. މީގެ އިތުރުން ގަވާއިދުގައިވާ ގޮތުން މީހަކު ނުވަތަ ބަޔަކު ކަރަންޓީނު ކުރުމަށް އެއްބާރުލުން ނުދިނުމާއި، އެކަހެރި ކޮށްގެން ފަރުވާ ދިނުމަށް ހުރަސް އަޅައިފިނަމަ އެކަން އެގޮތަށް ކުރި ފަރާތެއް، އަމުރާއި ހިލާފުވާ ފުރަތަމަ ފަހަރު 2،500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އަމުރާއި ދެވަނަ ފަހަރަށް ހިލާފުވެއްޖެނަމަ 3،500 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށެވެ. އަދި އޭގެ ފަހުން އަމުރާއި ހިލާފުވާ ކޮންމެ ފަހަރަކު 5،000 ރުފިޔާ އިން ޖޫރިމަނާ ކުރެވޭނެ އެވެ.

ކަރަންޓީނު ކުރުމުގެ މަރުކަޒުތަކާއި ބެހޭ ގަވާއިދަށް އިސްލާހު ގެނަސްފައި މިވަނީ ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުން އަންނަ ދަނޑިވަޅުގައެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 7،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، މި ދުވަސްވަރު ގިނަ ބަޔަކު އަންނަނީ ކަރަންޓީނު ކުރަމުންނެވެ.

- ކޮމެންޓް