ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން އާއި ޑރ. މުހައްމަދު އިބްރާހީމް އައްޔަނު ކުރަން ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.
މި ދެ ބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުއްވީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހުއެވެ. މަޖިލީހުގެ ރިޔާސަތުން އެކަން އިއުލާން ކުރައްވައި، ޖުޑިޝަރީ ކޮމިޓީއަށް ދިރާސާ ކުރަން ފޮނުވީ މިދިޔަ ހޯމަ ދުވަހުގަ އެވެ. ހަމަ އެ ދުވަހު ދެ ބޭފުޅުންނަށް ރުހުން ދޭން ކޮމިޓީން ނިންމިއެވެ.
ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެޖެންޑާކޮށްފައި ވަނީ ޖުޑިޝަރީ ކޮމިޓީގެ އެ ރިޕޯޓް ހުށަހަޅައި ބަހުސް ކުރުމަށެވެ. ކޮމިޓީގެ ރިޕޯޓަށް ބަހުސްކޮށް ނިމުމުން މަޖިލީހުގެ ޖަލްސާގައި ދެ ބޭފުޅުން އައްޔަން ކުރަން ރުހުން ދޭން ވޯޓަށް އަހާނެއެވެ.
ގާޒީ އަލީ ރަޝީދަކީ ކްރިމިނަލް ކޯޓު ހިންގެވުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ގާޒީއެވެ. ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލު ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެއީ އެ ކޯޓުގެ އިސް ގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެންނެވެ.
ޑރ. މުހައްމަދު އިބްރާހިމަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ 16 އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. މީގެ ކުރިން ހޯމް މިނިސްޓްރީގެ ލީގަލް އެފެއާޒްގެ ޑިރެކްޓަރުގެ މަގާމު ވެސް އޭނާ ފުރުއްވިއެވެ.
ސުުޕްރީމް ކޯޓުގައި ހަތް ފަނޑިޔާރުން ތިއްބަވަން ޖެހޭ އިރު ދެ ފަނޑިޔާރުންގެ ގޮނޑި ހުސްވެފައިވުމުން އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ މި އޮގަސްޓް މަހުގެ ހަވަނަ ދުވަހުއެވެ.
އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއާއެކު ސުޕްރީމް ކޯޓުގައި ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދުއެވެ.