ޓުއަރިޒަމް މިނިސްޓަަރު ކަމަށް އައްޔަން ކުރެއްވި ޑރ. ޢަބްދުﷲ މަޢުސޫމަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ.
ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ރައީސްގެ މޭޒުން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި މިނިސްޓަރު ޑރ. މައުސޫމަށް ރުހުން ދިނުމަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ފޮނުއްވާފައިވާ މައްސަަލައެއްގެ ގޮތުގައެވެ.
މީގެ ކުރިން ވެސް މިނިސްޓަރު މައުސޫމަށް ރުހުން ދިނުމަށް މަޖިލީހަށް ފޮނުވައި، މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ވެސް ރުހުން ދިނުމަށް ނިންމައި އެ ކޮމިޓީގެ ރިޕޯޓް އެކުލަވާލިއެވެ.
ނަމަވެސް، މިނިސްޓަރުކަމުގެ ހުވާކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމުގައި ހުންނެވުމުން ގާނޫނީ ސުވާލުތަކެއް އުފެދުނެވެ. އެހެންކަމުން މަޖިލީހުގެ ތަޅުމުން ނިންމީ އެ މައްސަލަ އަނބުރާ ކޮމިޓީއަަށް ފޮނުވާލުމަށެވެ.
އެއަށް ފަހު ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސް ކުރީ މައުސޫމް އަލުން ވަޒީރު ކަމުގެ ހުވާކުރެއްވުމަށް ރައީސް ސޯލިހަށް ލަފާ ދިނުމަށެވެ. އެކަމަކު މިހާތަނަށް ވެސް މައުސޫމް ދެވަނަ ފަހަރަށް ވަޒީރު ކަމުގެ ހުވާ ކުރެއްވި ކަމެއް އެނގިފައެއް ނުވެއެވެ.
ޤާނޫނު އަސާސީގެ 136 ވަނަ މާއްދާ ކަމުގައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކޮށްގެން ނުވާނެ ކަންތައްތައް ބަޔާން ކޮށްފައިވާއިރު އެ މާއްދާގެ ހ ގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާ އެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރައިގެނެއް ނުވާނެ އެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެ، އާމްދަނީ އެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލްވެ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެ ކަމަށެވެ.
މައުސޫމް ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. އޭނާގެ ނަން ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. ނަން ދިރާސާ ކުރުމަށްފަހު ކޮމިޓީން މައުސޫމަށް ރުހުން ދޭން ފެންނަ ކަމަށް އޭރު ފާސް ކުރީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހުއެވެ.