ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ތިބި ސްރީލަންކާގެ ރައްޔިތުން އަނބުރާ ގައުމަށް ގެންދަން އެ ގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު 287 މީހުން އަނބުރާ ގައުމަށް ގެންގޮސްފި އެވެ.
މި މީހުން ލަންކާގެ ވެރިރަށް ކޮލަމްބޯ އަށް ގޮސްފައިވަނީ އާދިއްތަ ދުވަހު މެންދުރު ސްރީލަންކާގެ ގައުމީ އެއާލައިން، ސްރީލަންކަންގެ UL102 ފްލައިޓެއްގައެވެ. ލަންކާގެ ނޫސްތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން އަނބުރާ ގައުމަށް ގެންދިޔަ ލަންކާގެ ރައްޔިތުންނަކީ ރިސޯޓުގައި މަސައްކަތް ކުރަމުންދާ މީހުންނެވެ. މި އެންމެންވެސް ކޮވިޑް-19 އަށް ޓެސްޓު ކުރަން ވަނީ ހަމަޖެހިފައެވެ.
ކޮވިޑުގެ ހާލަތާއި ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރާ ލަންކާގެ ގިނަ ރައްޔިތުންތަކެއް ވަނީ އަނބުރާ ގައުމަށް ގޮސްފައެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ އެކި ސަބަބުތަކާއި ހުރެ އެ މީހުންގެ ވަޒީފާ ގެއްލިގެންނާއި، ނޯ ޕޭ އާ ގުޅިގެން ދިޔަ މީހުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ އެއާޕޯޓު ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނެސް ހުޅުވާލުމާއި ގުޅިގެން ސްރީލަންކާ އިން ވަނީ ރާއްޖޭގައި މަސައްކަތް ކުރާ މުވައްޒަފުން އެ ގައުމަށް ގެންދިއުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި މިހާތަނަށް ލަންކާގެ އެއާޕޯޓް ރަސްމީކޮށް ހުޅުވައެއް ނުލައެވެ. އެހެން ކަމުން ރާއްޖެއިން ލަންކާ އަށް ދާން ބޭނުންވާ މީހުންނަށް ދަތުރު ކުރެވޭނީ ލަންކާގެ އެއާޕޯޓް ހުޅުވާލުމުންނެވެ.
މީގެ ކުރިން އެ ގައުމުގެ ސިވިލް އޭވިއޭޝަނުން ނިންމާފައި އޮތީ މި މަސް ތެރޭގައި އެއާޕޯޓް ހުޅުވާލާށެވެ. ބަންޑާރާނައިކަ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާލާއިރު އެއާޕޯޓު ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރެވޭނެ ގޮތް ހަމަޖެއްސުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.