ކ. މާލެ
|
30 އޯގަސްޓް 2020 | އާދީއްތަ 14:20
ބޯޑަރު ހުޅުވާލި ދުވަހު ރާއްޖެ އައި ފަތުރުވެރިންތަކެއް
ބޯޑަރު ހުޅުވާލި ދުވަހު ރާއްޖެ އައި ފަތުރުވެރިންތަކެއް
ރާއްޖެއެމްވީ
އިނގިރޭސި ކަރަންޓީނު ލިސްޓުން ރާއްޖެ އުނިކުރުން
އިނގިރޭސިވިލާތުގެ ކަރަންޓީނު ލިސްޓުން ރާއްޖެ ނެގުމަށް މަޝްވަރާތައް ކުރަމުންދަނީ
ރާއްޖެ އަންނަ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް މަޝްވަރާތައް ދަނީ ކުރަމުން
އިނގިރޭސިވިލާތުން ލުއި ދިން ލިސްޓުގައި 50ށް ގައުމު ހިމެނޭ

އިނގިރޭސިވިލާތުން ކަނޑައަޅާފައިވާ ނޮން-ކަރަންޓީނު ލިސްޓުގައި ރާއްޖެ ހިމެނުމުގެ މަޝްވަރާތައް ދެގައުމުގެ މެދުގައި ކުރިޔަށްދާ ކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.

މިހާރު އޮންނަ ގޮތުންނަމަ އިނގިރޭސިވިލާތުގެ ޓޫރިސްޓުން ރާއްޖެ އައުމަށްފަހު އަނބުރާ އެގައުމަށް ދިޔުމަށްފަހު 14 ދުވަހުގެ ކަރަންޓީނުގެ މުއްދަތެއް ފުރިހަމަކުރަންޖެހޭނެ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު ހުޅުވާލާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު ހުޅުވާލިނަމަވެސް ކުރިން ހީކުރިވަރަށް ރާއްޖެއަށް ފަތުރުވެރިން އައިސްފައެއްނުވެ އެވެ. އިނގިރޭސިވިލާތަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމަކަށްވާއިރު ބޯޑަރު ހުޅުވާލިނަމަވެސް އެގައުމުން ހީކުރިވަރަށް ފަތުރުވެރިން އަންނަމުންނެއް ނުދެއެވެ.

އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ތޮއްޔިބު ބޭރުގެ މީޑިޔާއަކަށް ދެއްވާފައިވާ އިންޓަރވިއުއެއްގައި ވިދާޅުވެފައިވަނީ ރާއްޖެ އަންނަ އިނގިރޭސިވިލާތުގެ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް އެކަމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށެވެ. އެގޮތުން ހޫނު މޫސުމަށް ރާއްޖެއަށް އަންނަ ޓޫރިސްޓުން އިތުރު ކުރުމަށް އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި ހައި ކޮމިޝަނާއި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ. އަދި ކަރަންޓީނުވާންޖެހޭ ގޮތަށް އޮންނަ އޮތުމަށް ލުއިތަކެއް ދިނުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ތޮއްޔިބު ވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން ލުއި ދިން ލިސްޓު ރިވިއުކޮށް ދެވަނަ ފަހަރަށް އާންމުކުރި ލިސްޓުގައި 50 އެއްހާ ގައުމު ހިމެނޭއިރު އެލިސްޓުގައި ރާއްޖެ ހިމަނާފައެއް ނުވެ އެވެ.

"ރާއްޖޭގެ ރިސޯޓުތަކަކީ ވަކިން އޮންނަ ރަށްތަކަށްވެފައި، ގުދުރަތީ ގޮތުން ބަލާއިރު، މާ ގިނަ މީހުނާ ބައްދަލުނުވެ ޗުއްޓީ ހޭދަކޮށްލަން ރާއްޖެއަކީ އެންމެ އެކަށީގެންވާ ގައުމު" ތޮއްޔިބު ވިދާޅުވެފައިވެ އެވެ.

މީގެއިތުރުން މިވަގުތު ރާއްޖެއަކީ ޗުއްޓި ހޭދަކުރުމަށް އެންމެ ރައްކާތެރި ގައުމުކަމަށާއި ހުރިހާ ރިސޯޓެއްގައި ވެސް ޓޫރިސްޓުންގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ތޮއްޔިބު ވިދާޅުވި އެވެ. އެގޮތުން ހުރިހާ ރިސޯޓެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެތަންތަނުގައި މަސައްކަތްކުރާ ސްޓާފުންނަށާއި ޓޫރިސްޓުންނަށްވެސް އަޅާފައިވާ ކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

ދެ ގައުމުގައި މެދުގައި ކުރިޔަށްމިދާ މަޝްވަރާތައް ކާމިޔާބުވެއްޖެނަމަ އިނގިރޭސިވިލާތުގެ ނޮން-ކަރަންޓީނު ލިސްޓުގައި ރާއްޖެ ހިމެނިގެންދާނެ އެވެ.

- ކޮމެންޓް