ހުޅުމާލޭގައި ހެދިކާ ވިއްކުމަށް ބަހައްޓާފައިހުރި ޓެންޓުތައް ނެގުމަށްފަހު، މަރާމާތާއެކު ވަކި އުސޫލެއްގެ ތެރެއިން ޓެންޓުތައް ބެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިންގ ޑިވޮލެޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޗީޑީސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ހުޅުމާލޭ ފްލެޓްތަކާއި ރޯހައުސްތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ތައްޔާރުކުރަމުންދާ ހެދިކާ ވިއްކާނޭ އިންތިޒާމުތައް ހަމަޖެއްސުމަށްޓަކައި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި 30 ޓެންޓު ބަހައްޓާފައިވާނެ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހު މި ޓެންޓުތައް ނަގާނެކަން އިއުލާނުކޮށް އެޗްޑީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޓެންޓުތައް ދޫކުރުމަށް ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި، އެތަކެތި ބާވެ ހަލާކުވެފައިވާތީ މަރާމާތު ކުރުމަށްފަހު ވަކި އުސޫލެއްގެ ތެރެއިން އަލުން ޓެންޓުތައް ބަހައްޓާނެ ކަމަށެވެ.
އިތުރަށް މި ނޫސް ބަޔާނުގައި ބުނެފައިވަނީ ޓެންޓުތައް ނެގުމަށްފަހު ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ފަރާތުން އެކުލަވާލާފައިވާ "މަގުމަތީގައި ކާނާ ވިއްކުމުގެ ހުއްދަ ދީފައިވާ ތަންތަނާއި، ތަކެއްޗާއި އުޅަނދުގައި ހުންނަންޖެހޭ ސާފުތާހިރުކަމުގެ މިންގަނޑުތަކާއި އަމަލުކުރަންޖެހޭ އުސޫލާ" އެއްގޮތްވާގޮތުގެ މަތިން ފަރުމާކޮށް މަރާމާތުކުރުމަށްފަހު، ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއްގައި އަލުން ޓެންޓްތައް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ.
އެޗްޑީސީގެ ބަޔާނުގައި ބުނެފައިވަނީ ޓެންޓުތައް މަރާމާތުކުރުމަށްފަހު ބަހައްޓާނެ ތަންތަން ކަނޑައަޅާ ސަރަހައްދުތަކާއި އެ ޓެންޓުތައް ދޫކުރުމާއި ބޭނުންކުރުމުގެ އުސޫލާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ބައްދަލުވުމެއް ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޓެންޓުތައް ދޫކުރުމާއި ބޭނުންކުރާނެ އުސޫލުވެސް ސެޕްޓެމްބަރު މަހުގެ ތެރޭގައި އާންމުކުރާނެކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ވަނީ މިވަގުތު ހުޅުމާލޭގެ ޓެންޓުތަކުގައި ހެދިކާ ވިއްކާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެފަރާތްތަކުގެ ކިބައިން މާފަށް އެދި، ލިބެމުންދާ އެއްބާރުލުމަށް ރައްޔިތުންނަށް ޝުކުރު ދަންނަވާފައެވެ.
ހުޅުމާލޭގައި ހެދިކާ ވިއްކާ ޓެންޓުތައް މަރާމާތުކޮށް ހަރުދަނާ އުސޫލެއްގެ ތެރެއިން އަލުން ހުޅުވަން ނިންމާފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު ހުޅުމާލެއާއި ވިލިމާލޭގައި ހެދިކާ ވިއްކަން ބޭނުންވާ ފަރާތްތަކާ ބައްދަލުކޮށްފައެވެ. އަދި އޭރުވެސް ވަނީ ހެދިކާ ވިއްކުމުގައި އަމަލުކުރާނެ ގޮތްތައް ކިޔައިދީ ހަރުދަނާ އުސޫލެއްގެ ތެރެއިން އެމަސައްކަތް ކުރުމަށް ހުއްދަދީފައެވެ.
ހުޅުމާލެ އާއި ވިލިމާލޭގައި ދިރިއުޅޭ އާއިލާތަކުން ކޮންމެ ދުވަހެއްގެ ހަވީރުގެ ވަގުތު ތާޒާ ހެދިކާ ވިއްކައިގެން ރަނގަޅު އާމްދަނީއެއް ހޯދަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.