ހައިޟުވުމާ ގުޅިގެން ޗުއްޓީއެއް ދޭން ލާޒިމްކުރުމަށް ވަޒީފާއާބެހޭ ޤާނޫނަށް އިސްލާހެއް ހުށައަޅައިފިއެވެ.
ގާނޫނަށް މި އިސްލާހު ހުށައެޅުއްވީ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖެވެ.
މެމްބަރު ވަނީ ވަޒީފާއާބެހޭ ޤާނޫނަށް އިސްލާޙް ގެނައުމުގެ ބިލުގެ 42 ވަނަ މާއްދާގެ ފަހަތަށް މާއްދާއެއް އިތުރުކޮށްދިނުމަށް ހުށައަޅުއްވާފައެވެ.
މި އިސްލާހުގައި ވާގޮތުން ސަލާމުގެ ޗުއްޓީގެ އިތުރުން ކޮންމެ އަންހެން މުވައްޒަފަކަށް ހައިޟުވުމާ ގުޅިގެން ދެވޭ ޗުއްޓީގެ ގޮތުގައި ކޮންމެ މަހަކު މުސާރަލިބޭ ގޮތަށް، ޤާނޫނުގެ ދަށުން ލިބޭ ސަލާމުގެ ޗުއްޓީގެ އިތުރުން 1 ދުވަހުގެ ޗުއްޓީއެއް ދޭންވާނެ އެވެ. އަދި މި ޗުއްޓީއަށް އެދޭ މުވައްޒަފު، އެ ޗުއްޓީ ޙައްޤުކަން ސާބިތުކޮށްދިނުމަށް އެއްވެސް ލިޔުމެއް ހުށަހަޅާކަށް ނުޖެހޭނެ ކަމަށްވެސް ސިރާޖު ހުށައެޅުއްވި އިސްލާހުގައިވެއެވެ.
މީގެއިތުރުން މި މާއްދާގެ ދަށުން ދެވޭ ޗުއްޓީގެ ބޭނުން ނުކޮށް، ވަޒީފާއަށް ނުކުންނަނަމަ، ކޮންމެމަހަކަށް ދެވޭ މުސާރައިގެ އިތުރުން، އެ މުވައްޒަފުގެ އަސާސީ މުސާރައިން 1 ދުވަހަށްޖެހޭ މިންވަރު އެ މުވައްޒަފަކަށް ދޭންވާނެ ކަމަށް ވެސް އިސްލާހުގައިވެއެވެ.
މި އިސްލާހާއި ގުޅިގެން ސިރާޖު ވިދާޅުވެފައިވަނީ މި އިސްލާހު ހުށައެޅުމުގެ ބޭނުމަކީ އަންހެން މުވައްޒަފުން ހައިޟުގެ ދުވަސްވަރު އުފުލާ ތަކުލީފުތައް ޤަބޫލުކޮށް، ހައިޟުގެ މުއްދަތުގައި ޗުއްޓީ ދިނުމަކީ ތަހުޒީބު މުޖުތަމަޢުތަކުގައި ބަލައިގަނެ ޢަމަލުކުރަމުންގެންދާ އުސޫލަކަށްވާތީ ކަމަށެވެ. އަދި ރާއްޖޭގައި އެ އުސޫލު ކަނޑައެޅިގެން ދިއުމަކީ ވަޒީފާ އަދާކުރާ އަންހެނުންނަށް ލިބޭ ލުޔަކަށް ވާނޭތީއާއި، ވަޒީފާ އަދާކުރުމަށް އަންހެނުންނަށް ހިއްވަރަކަށްވާނޭކަމަށް ފެންނާތީ ކަމަށެވެ.
ވަޒީފާއާ ބެހޭ ޤާނޫނަށް އިސްލާހުގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ އިތުރަށް ދިރާސާކުރުމަށް އިޖުތިމާޢީ ކޮމިޓީއަށް ފޮނުވާފައިވަނީ ޖޫން މަހުގެ 17 ވަނަ ދުވަހުއެވެ.
މި ބިލުގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައި ވަނީ، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އެއްބަސްވުމެއް ނެތި، ވަޒީފާ ދިނުމާއި އަދި ބޭނުންވެއްޖެ ހިނދެއްގައި ވަޒީފާއިން މީހުން ވަކިކުރުން ފަދަ ކަންކަން ހަރުދަނާކޮށް، ވަޒީފާ ދޭ ފަރާތާއި، ވަޒީފާ އަދާ ކުރާ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ކުރުންފަދަ ކަންކަމެވެ.