ހ. މެރިން ޑްރީމްގައި ހުރި އޭޓީއެމް ސެންޓަރު ވަގުތީ ގޮތުން ބަންދުކުރުމަށްފަހު މިހާރު ޚިދުމަތްދޭން ފަށާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
ބީއެމްއެލްގެ މި އޭޓީއެމް ސެންޓަރު ބަންދުކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ އޭޓީއެމް ސެންޓަރާއި ޖެހިގެން ހުރި ކެފޭ ޓިއޯލޯގައި ރޯވި އަލިފާންގަނޑުގެ ސަބަބުން ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. އެއޭޓީއެމް ސެންޓަރުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކަނޑާލާފައިވަނީ ހޮނިހިރު ދުވަހުއެވެ.
މެރިން ޑްރީމްގައި ހުރި ޑޮލަރު އޭޓީއެމް ސެންޓަރަކީ މާލޭގައި ހުރި ބީއެމްއެލްގެ ހަމައެކަނި ޑޮލަރު އޭޓީއެމްއެވެ. ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ދެން ހުންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަދި ހުޅުމާލެގައިއެވެ.
ހުކުރު ދުވަހުގެ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ކެފޭ ޓިއޯލޯ އެއްކޮށް އަނދާފައިވާ އިރު، އެ ކެފޭއާއި އިންވެގެން ހުރި އެހެން އިމާރާތްތަކަށް ވެސް ވަނީ އަލިފާނުގެ އަސަރު ކޮށްފައެވެ. އެހެން ނަމަވެސް މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެ އެވެ. ހާދިސާ އާއި ގުޅިގެން އެއްވެސް މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދޭން ނުޖެހޭ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީއިން ވަނީ ބުނެފައެވެ.