ހެލްތް ޕްރޮޓެކްޝަން އެޖެންސީގެގެ ގައިޑްލައިންތަކާ ހިލާފުވުމުގެ ސަބަބުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.
އާދިއްތަ ދުވަހު ހަވީރު 4 ޖަހާއިރު، ރައީސް ވަހީދު ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި މުޒާހަރާގައި އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވުމުގެ ސަބަބުންނެވެ. އެ އެއްވުމުގައި އިސްކޮށް ހަރަކާތްތެރިވި ގިނަ އަދަދެއްގެ ބަޔަކުވަނީ މާސްކު ނާޅައި މުޒާހަރާކޮށްފައެވެ. އަދި މި އެއްވުމުގައި ގައިދުރުކަން އިސްކޮށްފައެއްވެސް ނުވެއެވެ. އެހެންކަމުން އެދުވަހު ބޭއްވި އެއްވުން ބަލައި ފިޔަވަޅުއަޅާނެ ކަމަށް ފުލުހުންވަނީ ބުނެފައެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ހުކުރު ދުވަހު ބޭއްވި އެއްވުމަކީ ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގައި ބަލި ފެތުރުން އިންތިހާއަށް އިތުރުވެ ބަލީގެ ނުރައްކާ ބޮޑުވެފައިވަނިކޮށް ބޭއްވި އެއްވުމެކެވެ. އެގޮތުން މި ބަލި ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ވަނީ މާލޭގައި 5 މީހުންނަށްވުރެ ގިނައިން އެއްވެ މަގުމަތީގައި އުޅުން މަނާކޮށްފައެވެ.
މިމުޒާހަރާގައި ޑރ. ވަހީދު ފެނިގެން ގޮސްފައިވަނީ މާސްކް އެޅުއްވުމެއް، ގައިދުރުކަން ބެހެއްޓުމެއް ނެތި އުޅުއްވި މަންޒަރެވެ. މިފަދަ ޣައިރު ގާނޫނީ އެއްވުމެއްގައި ޑރ ވަހީދު ބައިވެރިވެވަޑައިގެންނެވި އިރު އެމަނިކުފާނަކީ ދައުލަތުން ބޮޑެތި އަދަދުތަކުން އިނާޔަތް ނަންގަވަމުންދާ ބޭފުޅެކެވެ. ރައީސް ވަހީދުގެ އަމަލުތަކާ މެދު ހިތްހަމަ ނުޖެހި ޝުއޫރުފާޅުކުރި ފަރާތްތަކުން ބުނެފައިވަނީ ސިއްޙީ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި ޤައުމު ވަނިކޮށް، ކުރީގެ ރައީސުންނަށް ދައުލަތުންދޭ އިނާޔަތް ބަރާބަރަށް ނަންގަވާ ބޭފުޅަކު އިސްވެހުރެ، ގައިގޯޅިވެ އެއްވުން ބޭއްވުން އެއްގޮތަކަށްވެސް ބަލައި ނުގަނެވޭ ކަމަށާއި، އެފަދަ ފަރާތްތަކުގެ އިނާޔަތް ކަނޑާލަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން، އެޗްޕީއޭގެ މިންގަނޑުތަކާ ހިލާފުވުމުގެ ސަބަބުން ބާރަށު ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ޝުޖާއުއަށްވެސް ވަނީ ފުލުހަށް ހާޒިރުވާން ޗިޓު ފޮނުވާފައެވެ. އޭނާ ފުލުހަށް ހާޒިރުވާން އަންގާފައިވަނީ އާދިއްދަ ދުވަހުގެ 19:00 އަށެވެ.
އިދިކޮޅުން ބޭއްވި ސައިކަލް ބުރުގެ މައްސަލަ ބަލަން ފުލުހުން ފަށާފައިމިވަނީ އެ ހަރަކާތް ބޭއްވުމަށް ފުލުހުން މަގުފަހި ކޮށްދީފައިވާތީ އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމުންނެވެ. ޕީޕީއެމުން ވަނީ ކޮވިޑުގެ ނުރައްކާތެރި ހާލަތު އޮއްވާ މީގެ ކުރިން ވެސް އެތައް ފަހަރުތަކެއްގެ މަތިން މަގުމައްޗަށް އެއްވެ އަޑުއުފުލާފައެވެ. އެއިން އެއްވެސް ފަހަރަކު އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކޮށްފައެއް ނުވެއެވެ.
ފާއިތުވި ސަރުކާރުންވަނީ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ގާނޫނުން ލިބިދޭ ބާރުތައް ހަނިކޮށް، މާލޭގެ ވަކި ސަރަހައްދެއްގައި ނޫނީ އެއްވެ ނޫޅެވޭ ގޮތަށް ގާނޫނަށް ބަދަލުގެނެސްފައެވެ. އެހެންކަމުން މާލޭގައި ނަމަ އެއްވެއުޅެވޭނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ދޭ ހާއްސަ ހުއްދައެއްގެ ދަށުންނެވެ.