ކޮވިޑް-19 ހަލުހިމިނެއްގައި ފެތުރެން ފެށުމާއެކު އެޅި އިތުރު ފިޔަވަޅުތަކުގެ އެއްވެސް ނަތީޖާއެއް އަދި ނުފެންނަ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)ން ބުނެފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ އެޕިޑޮމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު 100 އަށް ވުރެ ގިނަ ކޭސްތައް ފެންނަމުންދާއިރު، އިތުރު ފިޔަވަޅުތައް އެޅި ނަމަވެސް އަދި އެއްވެސް ތަފާތެއް ނުފެންނަ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ އިތުރު ފިޔަވަޅުތައް އެޅި ނަމަވެސް އާންމު ރައްޔިތުން ބޯނުލަބާނަމަ އެއްވެސް ނަތީޖާއެއް ނުފެންނާނެ ކަމަށެވެ. އެހެންކަމުން ވައިރަސް ކޮންޓްރޯލް ކުރުމަށް އާންމު ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަން ޑރ. އަފްޒަލް ފާހަގަކުރެއްވިއެވެ.
މިފެންނަނީ 100 އިން މަތީގެ އަދަދުތައް ކަމަށްވާތީ އަދިއެއް ބަދަލެއް ފެނެއެކޭ. އެހެންނަމަވެސް އާންމު ގޮތެއްގައި މިގޮތަށް އަޅާ ފިޔަވަޅެއްގެ ބަދަލުތައް ފެންނަން ފެންނާނީ އޭގެ ދެހަފްތާ ފަހުން. ނަމަވެސް އެއްތަން ކޮޅަކީ ފިޔަވަޅު އަދި އަޅާގެން ބަދަލެއް ނާންނާނެ. ފިޔަވަޅަށް ބަޔަކު އިޖާބަދީ އެކަމަށް ބޯލަބާގެން އަޅުގަނޑުމެން މިކުރާ އިރުޝާދުތަކާ އެއްގޮތަށް އަމަލުކޮށްގެން އެފަރަގު ފެންނާނީ އެނގޭތޯ.ޑރ. އިބްރާހިމް އަފްޒަލް
ލޮކްޑައުންގެ ތިންވަނަ ފޭސްގައި ބޮޑެތި ލުއިތަކެއް ދިން ފަހުން މާލެ ސިޓީން ވަރަށް ހަލުހިމިނެއްގައި ކޮވިޑްގެ ކޭސްތައް ފެންނަން ފެށިއެވެ.
ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން މާލެ ސިޓީގެ އިތުރުން ޕޮޒިޓިވް ކޭސްތައް ފެނިފައިވާ ރަށްތަކުގައި ޖުލައި 30 ވަނަ ދުވަހުން ފެށިގެން މާކްސް އެޅުން މަޖުބޫރު ކުރިއެވެ.
އޮގަސްޓް 4 ވަނަ ދުވަހު ރޭގަނޑު 10ން ފަތިހު 5 އާ ހަމައަށް ބޭރުގައި އުޅުން މަނާ ކޮށްފައިވާއިރު، މިމަހުގެ 23 ވަނަ ދުވަހުގެ ރޭގަނޑު 8ން ފަތިހު 5 އާ ދެމެދު މާލެ، ހުޅުމާލެ އަދި ވިލިނގިލީގައި އެއްގަމު އުޅަނދުތައް ދުއްވުން ވެސް ވަނީ މަނާކޮށްފައެވެ. އަދި ރޭގަނޑު 10ން ފެށިގެން ކާފިއު ހިންގާތީ ވިޔަފާރިތައް ވެސް 9:30 ގައި ބަންދުކުރަން ޖެހެއެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މާލެ ސިޓީގައި ފަސް މީހުންނަށް ވުރެ ގިނަ މީހުން އެއްވުން ވެސް ވަނީ މަނާކޮށްފައެވެ.
ކޮވިޑް-19 ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު، އެޗްޕީއޭގެ މިއެންގުންތަކާ ހިލާފުވާ ފަރާތްތަކާ މެދު ދަނީ ފިޔަވަޅު ވެސް އަޅަމުންނެވެ.