ކޮވިޑް-19ގެ މިހާލަތުގައި ސިއްހީ ޚިދުމަތްތެރިން އަދާކުރަމުންދަނީ ވަޒީފާއެއް ނޫން ކަމަށާއި، ޚާއްސަ އެލަވަންސެއް ނުލިބުނުކަމުގައި ވިޔަސް ރައްޔިތުންނަށް ޚިދުމަތް ކުރާނެ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ނަޒްލާ ވިދާޅުވީ ހުރިހާ ސިއްހީ ޚިދުމަތްތެރިންގެ ގޮތް ނޭނގުނު ނަމަވެސް އާންމުކޮށް ސިއްހީ ޚިދުމަތް ފޯރުކޮށްދޭ މީހުންނާއި، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން އަދާކުރަނީ ވަޒީފާއެއް ނޫން ކަމަށެވެ. އަދި ކޮވިޑް-19ގެ މިހާލަތުގައި ސިއްހީ ޚިދުމަތްތެރިން އަބަދުވެސް އުޅެނީ މަސައްކަތުގައިކަން ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.
އޮފީހުގައި ނުތިބޭ ގަޑީގައި ވެސް މިމަސައްކަތުގައި ހަމަ މިކަމުގައި މަސްއޫލުވެ އުޅެވޭނީ. އެޗްޕީއޭގެ ސްޓާފުންގެ ވާހަކަ ދަންނަވާލާ ކަމަށްވާނަމަ މިސާލަކަށް ހަވީރު ގަޑީގަ ކުދިން ގޮވައިގެން ހިނގާލަން ދަންޏާ ފެންގަނޑެއް ފެނިއްޖެއްޔާ ބެލޭނެ އޭގައި މަދިރިފަނި އުޅޭތޯ. އެއީ ދެން ހަމަ އެގޮތަށް އަޅުގަނޑުމެންގެ މަސައްކަތް މިހުންނަނީޑރ.ނަޒްލާ ރަފީގު
ޑރ.ނަޒްލާ ވިދާޅުވީ ހޮސްޕިޓަލްތަކާއި، އަތޮޅުތަކުގައި ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކާއި ފެސިލިޓީތަކުގައި މަސައްކަތް ކުރާ ބޭފުޅުން ވެސް މަސައްކަތް ކުރަނީ ރައްޔިތުންނާއި ގައުމަށް ވަރަށް ބޮޑަށް ޚިދުމަތް ކުރަން ބޭނުން ވެގެން ކަމަށެވެ.
އެގޮތުން ޚާއްސަ އެލަވަންސެއް ނުލިބުނު ކަމުގައި ވިޔަސް ޚިދުމަތް ދިނުމުގައި ސިއްހީ އެހީތެރިން ފަހަތަށް ނުޖެހޭނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. ނަމަވެސް ކޮވިޑް-19އާ ގުޅިގެން ކުރަމުންދާ ބުރަ މަސައްކަތް ސަރުކާރުން ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޚާއްސަ އެލަވަންސެއް ދޭނެ ކަމަށް އިއުލާން ކުރުމުން އެލަވަންސް ލިބޭނެ އިރަކަށް އިންތިޒާރު ކުރާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
އަޅުގަނޑަށް ގަބޫލު ކުރެވެނީ އެލެވަންސެއް ނުލިބުނު ކަމުގައި ވިޔަސް މަސައްކަތް ހަމަ ކުރިއަށް ގެންދަވާނެ ކަމަށް. އާ ބައްޔަކަށް މިގޮތަށް ކުރިމަތިލާން ޖެހޭ ހާލަތުގައި ސަރުކާރުން އޮތީ ހަމަޖައްސަވާ ދެއްވާފަ. ހުރިހާ ބޭފުޅުން ބޭނުންވާނެ އެލަވަންސްތައް ހަމަޖެހިގެންދާން. އެއީ އަޅުގަނޑުމެން ވެސް އެދޭ ގޮތަކީ.ޑރ.ނަޒްލާ ރަފީގު
ފްރޮންޓްލައިން ވޯކަރުންނަށް ޚާއްސަ އެލެވަންސެއް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނިންމެވިކަން އިއުލާނުކުރެއްވީ މެއި މަހުގެ 7 ވަނަ ދުވަހުއެވެ.
ކޮވިޑާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަައް ތިން ގިންތިއަކަށް ބަހާލައިގެން ފްރޮންޓްލައިން އެލަވަންސް މިހާރު ދޭން ފަށާފައިވާއިރު މިމަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް ފްރަންޓްލައިން އެލަވަންސް ޖުމްލަ 1045 މީހަކަށް ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން މައުލޫމާތުދެއެވެ.