ކ. މާލެ
|
29 އޯގަސްޓް 2020 | ހޮނިހިރު 22:11
އިދިކޮޅުން ހުކުރު ދުވަހު ހަވީރު ބޭއްވި މުޒާހަރާގެ ތެރެއިން ޝުޖާ އާއި އެކު މުޒާހަރާގެ ބައިވެރިން
އިދިކޮޅުން ހުކުރު ދުވަހު ހަވީރު ބޭއްވި މުޒާހަރާގެ ތެރެއިން ޝުޖާ އާއި އެކު މުޒާހަރާގެ ބައިވެރިން
ސޯޝަލް މީޑިއާ
ޝުޖާ ފުލުހަށް ހާޒިރުކުރަނީ
ގައިދުރުކަމެއް ނެތި ބޭއްވި މުޒާހަރާގައި އިސްކޮށް އުޅުނު ޝުޖާ ފުލުހަށް ހާޒިރުކުރަނީ
ޝުޖާ އަކީ މުޒާހަރާގެ އެންމެ އިސް ސަފުގައި ހުރި ފަރާތެއް
މުޒާހަރާ އަށް ދިޔަ ބައެއް މީހުން ކޮވިޑް އަށް ޕޮސިޓިވް ވެފައިވާ ކަން މިހާރު ވަނީ އެނގިފައި
މުޒާހަރާ ބޭއްވީ ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ގޮން ޖަހާފައި

ރާއްޖެ ގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ ކޭސްތަކުގެ އަދަދު އިތުރަވަމުންދާ މި ދަނޑިވަޅުގައި ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިންތަކަށް ގޮންޖަހައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އިން ހުކުރު ދުވަހު ބޭއްވި މުޒާހަރާގެ މައްސަލާގައި ޕީއެންސީގެ ނައިބް ރައީސް އިބްރާހިމް ޝުޖާއު ފުލުހަށް ހާޒިރުވާން ޗިޓް ފޮނުވައިފިއެވެ.

ޝުޖާއު އަކީ އިދިކޮޅުން ގިނަ އަދަދެއްގެ ޒުވާނުން އެއްކޮށްގެން ގައިދުރުކަމެއް ނެތި ''ގައުމު ވިއްކާލުމާއި ދެކޮޅަށް'' ކުރިޔަށް ގެންދިޔަ މުޒާހަރާގެ އެންމެ އިސް ސަފުގައި ހުރި އެއް ފަރާތެވެ.

ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ފުލުހަށް ހާޒިރުކުރާ ސަބަބެއް ކަމަށް ފުލުހުން ބުނެފައިވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި ވަނިކޮށް އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނާ ހިލާފަށް މާލޭގެ ބޮޑެތި މަގުތަކުގެ މަތީގައި އަޑުގަދަކޮށް ހަޅޭލަވަމުން ގިނަ އަދަދެއްގެ ބަޔަކު އެއްކޮށް ސައިކަލް ދުއްވާ އެއްވުމުގައި ބައިވެރިވެ، އެޗްޕީއޭގެ ގައިޑްލައިންތަކާއި ހިލާފަށް އަމަލުކުރި ކަމުގެ މައްސަލަ އެވެ.

ފުލުހަށް ހާޒިރުވާން ޝުޖާއު އަށް އަންގާފައިވަނީ އާދިއްތަ ދުވަހުގެ 19:00 އަށެވެ. އިދިކޮޅުން ބޭއްވި ސައިކަލް ބުރުގެ މައްސަލަ ބަލަން ފުލުހުން ފަށާފައިމިވަނީ އެ ހަރަކާތް ބޭއްވުމަށް ފުލުހުން މަގުފަހި ކޮށްދީފައިވާތީ އާއްމުންގެ ފާޑުކިޔުންތައް އަމާޒުވުމުންނެވެ. ޕީޕީއެމުން ވަނީ ކޮވިޑުގެ ނުރައްކާތެރި ހާލަތު އޮއްވާ މީގެ ކުރިން ވެސް އެތައް ފަހަރުތަކެއްގެ މަތިން މަގުމައްޗަށް އެއްވެ އަޑުއުފުލާފައެވެ. އެއިން އެއްވެސް ފަހަރަކު އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލުކޮށްފައެއް ނުވެއެވެ.

- ކޮމެންޓް