ގދ. ތިނަދޫއިން ކޮވިޑް-19ށް ޕޮޒިޓިވްވި މިހާ އަކީ ޕީޕީއެން-ޕީއެންސީ ކުރިއަށް ގެންދިޔަ މުޒާހަރާގައި ބައިވެރި މީހެއްކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
ހުކުރު ދުވަހުގެ ހަވީރު ތިނަދޫގައި މުޒަހާރާ ކުރިއަށް ގެންދިޔައީ ސައިކަލު ބުރަކާއެކުއެވެ. ސަރުކާރާ ދެކޮޅަށް އަޑުއުފުލާ ބޭއްވި މި މުޒާހަރާއާއެކު ގާތްގަނޑަކަށް 200އެއްހާ މީހުން ބައިވެރިވެފައިވާއިރު ޕޮޒިޓިވްވި މީހާ ވެސް މި މުޒާހަރާގައި ބައިވެރިވެފައިވާ ކަމަށް އިތުބާރު ހުރި ފަރާތަކުން ވަނީ ރާއްޖެއެމްވީއަށް މައުލޫމާތު ދީފައެވެ. ނަމަވެސް ޕީޕީއެމް/ޕީއެންސީން ވަނީ އެކަން ދޮގުކޮށް، ރައްޔިތުންގެ ފުރާނަ ނުރައްކަލުގެ ތެރެޔަށް ވައްޓިގެންދާ ގޮތަށް އެ ޕާޓީތަކުން ހިންގާ ކަންކަން ދިފާއުކޮށްފައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވީ 68 އަހަރު ފިރިހެނެކެވެ. އަދި އޭނާއަށް ތިނަދޫއަބުއްސަމަދުމޮމޯރިއަލްހޮސްޕިޓަލް ގައި އެޑްމިޓް ކޮށްގެން މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ތިނަދޫއިން މާލެ ސިޓީއަށް ދަތުރު ކުރާ ބޯޓެއް ފަޅުވެރިއެއް ކޮވިޑް-19ށް ޕޮޒިޓިވްވުމާ ގުޅިގެން އެ ރަށް މިހާރު ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އަދި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ބެލެވޭ ގޮތުގައި އެ މީހާ ވަނީ ގިނަ ބަޔަކާ ދިމާވެފައެވެ.
ކޮވިޑް-19 ހަލުވިމިނެއްގައި ފެތުރެމުންދާ ދަނޑިވަޅެއްގައި އެއްވުންތައް ނުބޭއްވުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސް ކުރަމުންނެވެ. އެގޮތުން އެޗްޕީއޭގެ މިންގަނޑުތަކާއި ހިލާފަށް ޕީޕީއެމް/ޕީއެންސީ މާލެ ސިޓީގައި ބޭއްވި މުޒާހަރާގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.