ހދ. ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތަށް ގެނެސްފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުޅުދުއްފުށި ސިޓީ ކައުންސިލަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ މި ފިޔަވަޅަކީ ކޮވިޑް-19 އާއި ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް އަޅާ ފިޔަވަޅެއް ކަމަށާއި ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި އެޗްޕީއޭގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އަރައިގެން ނުވާނެ ކަމަށެވެ.
އެގޮތުން މި ލިޔުން ހޮނިހިރު ދުވަހު ނެރެފައިވާ އިރު، އެ އެންގުމަށް ވަގުތުން ފެށިގެން އެޗްޕީއޭ އިން އަންގާ ގޮތެއްގެ މަތިން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަންގާ އެންގުންތަކާއު އަދި ހިންގާ ހަރަކާތަކަށް އެއްބާރުލުން ދިނުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ. އަދި ރަށުގެ ކައުންސިލްގެ އިދާރާގެ ފާރާތުން ކުރަންޖެހޭ ކަންކަން ވިލަރެސް ކުރާނެ ފާރަތެއް ކަނޑައަޅަން ވެސް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.
ކުޅުދުއްފުށި ސިޓީ މޮނިޓަރިންގެ ހާލަތައް ގެންދިއުމާއި ގުޅިގެން ހދ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން އާދިއްތަ ދުވަހުން ފެށިގެން ސްކޫލު ހުޅުވޭނެ ދުވަހެއް އަންގަންދެން ސްކޫލަށް ހާޒިރުވާން ނުޖެހޭނެ ކަމަށް އަތޮޅު ތައުލީމީ މަރުކަޒުން ވަނީ ބުނެފައެވެ. އެހެންނަމަވެސް ދަރިވަރުންނަށް ބާއްވާ ގޫގުލް ކްލާސްތައް ކުރިއެކޭ ވެސް އެއްފަދައިން ކުރިއަށްދާނެ ކަމަށް ސްކޫލުން ބުނެއެވެ.