އަޅުގަނޑުގެ ސަރުކާރުގެ ނައިބު ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު މުޒާހަރާގައި ލޭއޮހޮރުވާ ވާހަކަ ދެއްކުމުން ހައިރާންނުވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ، ހުކުރުދުވަހު ޕީޕީއެމް ޕީއެންސީން އިންތިޒާމްކޮށްގެން ބޭއްވި މުޒާހަރާގައި ކުރީގެ ރައީސް ވަހީދު ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައެވެ.
މުޒާހަރާގައި ރައީސް ވަހީދު ވިދާޅުވީ، ދިވެހި ރައްޔިތުންނަކީ ދިވެހިންގެ މިނިވަންކަމަށް ކުޑަ ނަމަވެސް ބުރުލެއް އަރާނެ ފުރުސަތެއް ދޭނެ ބައެއް ނޫން ކަމަށާއި، ދިވެހި ރައްޔިތުންގެ "ލޭއޮހޮރުވައިގެންވެސް" މިނިވަންކަން ދަމަހައްޓާނެ ކަމަށެވެ.
ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަޅުގަނޑުގެ ސަރުކާރުގެ ނައިބު ރައީސް ވަހީދު މުޒާހަރާގައި ލޭއޮހޮރުވާ ވާހަކަ ދެއްކެވުމުން ހައިރާން ނުވާ ކަމަށެވެ. އަދި 7 ފެބްރުއަރީގައި ލޭ އޮހޮރުވުމަކަށް ނުދިޔައީ ބަޑިގުދަން ހުޅުވާ ހަތިޔާރު ނަގަން ހުއްދަ ނުދިނުމުން ކަމަށެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ދާދި ފަހުން ރައީސް ވަހީދަށް ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނުވަނީ 2012 ވަނަ އަހަރުގެ ހަތެއް ފެބްރުއަރީގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވިގޮތް ބަލަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.
ވެރިކަން ބަދަލުކުރިގޮތް އަލުން ބަލައިފިނަމަ، އެއީ "ބަޣާވާތެއް" ގެ ގޮތުގައި ފެންނާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދަނީ ވިދާޅުވަމުންނެވެ. ވެރިކަން ބަދަލުވެގެން ދިޔަ ގޮތް ތަހުގީގުކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.