ކެފޭ ޓިއޯލޯގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލިސްގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
މަރަދޫ ދާއިރާގެ މެމްބަރު އަދި ގައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރު އިބްރާހީމް ޝަރީފް ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ސްޓޭޓް ބޭންކް އޮފް އިންޑިއާ ހުންނަ އިމާރާތުގައި ރޯވި އަލިފާނުގެ ހާދިސާއާ ގުޅިގެން މަޖިލިސްގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މަޖިލިސްގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާއިރު، މި ހާދިސާ ތަހުގީގު ކުރާނެ ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން ވަނީ ބުނެފައެވެ.
ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާއިރު އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެއެވެ.
ހުކުރު ދުވަހުގެ ރޭ 9:47 ހާއިރު، ހިނގި މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ އިމާރާތްތަކުން މީހުން ހުސްކޮށްފައިވެއެވެ.
މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލު އަދި ލިބިފައިނުވާއިރު، މި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނައިބް ރައީސް ފައިސަލް ނަސީމުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ، ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ އަދިވެސް ސަރުކާރުގެ އިސް ބޭފުޅުން ވަޑައިގަންނަވާ ހާލަތު ބައްލަވާލައްވާފައިވެއެވެ.
މި ސަރަހައްދުގައި ހުންނަވައި މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ އަލިފާނުގެ ހާދިސާގެ އިތުރުން ބަލިމަޑުކަމެއް އެބައޮތް ކަމަށާއި، ބަލި ފެތުރެން ދިމާވަނީ އެންމެން އެއްތަނަކަށް އެއްވެ ގައިގޯޅިވާތީ ކަމަށެވެ. އެހެންކަމުން މިކަންކަމަށް ސަމާލުވެ އެޗްޕީއޭގެ އެންގުމާ އެއްގޮތަށް އަމަލުކުރުމަށް ރައީސް ވަނީ އެދިވަޑައިގެންފައެވެ.