ރޭގަނޑު އަށެއްގެ ފަހުން މާލޭ މަގުމަތީގައި ވެހިކަލް ދުއްވުން މަނާކުރުމުން ކުދި ވިޔަފާރިތައް އެއްކޮށް ހުއްޓިގެންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އަދި ވިޔާފަރިވެރިޔާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހުކުރު ދުވަހު ނާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިގްތިސާދުގެ މައިތަނބު ކަމަށްވާއިރު، ދެ ގަޑިއިރަށް މަގުމަތީގައި އުޅަނދު ދުއްވުން މަނާކުރުމުން ވިޔަފާރިތައް އެއްކޮށް ހުއްޓިގެންދާނެ ކަމަށެވެ. ގައިދުރުކަން ބެހެއްޓުމަށް ބާރުއަޅާއި ވިޔަފާރި ކުރާ ތަންތަން މޮނިޓަރ ކުރުން މުހިއްމު ކަމަށް ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް-19 ފެތުރޭ މިންވަރު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާތީވެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރޭގަނޑު އަށަކުން ފެށިގެން ދިހަޔަކަށް ވެހިކަލްތައް ދުއްވުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. އެކަމާއި ގުޅިގެން އާއްމުންގެ ގިނަ ބަޔަކު ފާޑުކިޔަމުންދާތިވެ އެޗްޕީއޭއިން ބުނީ، އެ ފިޔަވަޅު އެޅީ ޒުވާނުންގެ އެއްވުންތައް މަދުކުރުމުގެ މަގްސަދުގައި ކަމަށެވެ.
މި ފަހަކަށް އައިސް މާލޭ ސަރަހައްދުން ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ޒުވާނުންގެ އަދަދު ގިނަ ކަމަށް ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށް ކުރުމުގެ ގޮތުން އެޗްޕީއޭއިން ގިނަ ފިޔަވަޅުތަކެއް އެޅިޔަސް އާއްމުންގެ ފަރާތުން އެންމެ އެކަށީގެންވާ އެއްބާރުލުން ނުލިބޭނަމަ ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ބަލީގެ ހާލަތު ގޯސްވާނެ ކަމުގެ އިންޒާރު ސިއްހީ މާހިރުން ދަނީ ދެމުންނެވެ.