ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އިލެކްޝަން ކޮމިޝަން ( އީސީ) އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާތީވެ އެ ފައިސާ ހޯދަން، އީސީން ސިވިލް ކޯޓުގައި ދައުވާކޮށްފި އެވެ.
އެ މައްސަލަ އާދިއްތަ ދުވަހު ސިވިލް ކޯޓަށް ހުށައެޅިކަން އީސީގެ އޮފިޝަލަކު ވަނީ ރާއްޖެ.އެމްވީ އަށް ކަށަވަރު ކޮށްދެއްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފައިސާ އަކީ އެކި އަހަރުތަކުގެ އޮޑިޓް ރިޕޯޓް އާއި އަހަރީ ރިޕޯޓް ކަނޑައެޅިފައިވާ މުއްދަތު ތެރޭގައި ހުށައަޅާފައިނުވަތީ ޖޫރިމަނާގެ ގޮތުގައި ޑީއާރުޕީން އީސީ އަށް ދައްކަން ޖެހޭ ފައިސާއެވެ. އެއީ، 2015، 2017 އަދި 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާ އެއް ކަމެއް އެނގިފައެއް ނުވެއެވެ.
އެ މުއްދަތު ތެރޭގައި ޑީއާރުޕީއާ ހަވާލުވެވަޑައިގެން ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް ނާޝިދު) އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު މިދިޔަ އަހަރު ޑީއާރުޕީ އަށް ސޮއިކުރެއްވައި އެ ޕާޓީގެ ލީޑަރުކަމާއި ހަވާލުވެވަޑައިގެން އެ ޕާޓީ ހިންގަވަމުން އަންނަނީ އޭނާ އެވެ. ޑީއާރުޕީ އަކީ ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވާ ރާއްޖޭގައި އުފެއްދި ފުރަތަމަ ސީޔާސީ ޕާޓީއެވެ.