ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުން އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
ގައުމީ އެއަރލައިން މޯލްޑިވިއަނުން ބުނީ ހުކުރު ދުވަހުގެ މެންދުރުގެ ފުލައިޓުން ބަންގްލަދޭޝްގެ އިތުރު ބަޔަކު ފޮނުވާލާފައިވާ ކަމަށެވެ. މިއީ މޯލްޑިވިއަނުން ބަންގްލަދޭޝް މީހުން އެ ގައުމަށް ގެންދާ 33 ވަނަ ފްލައިޓެވެ.
މޯލްޑިވިއަނުން މި އޮގަސްޓް މަހުގެ 19 ވީ ބުދަ ދުވަހު ބުނެފައިވަނީ އެދުވަހާ ހަމައަށް އައިއިރު މޯލްޑިވިއަނުން 5933 މީހުން އަނބުރާ ބަންގްލަދޭޝް އަށް ފޮނުވާލާފައިވާ ކަމަށެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ގަވާއިދުގެ ތެރެއަށް ވައްދާ އޭގެތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މި ސަރުކާރުން އަންނަނީ ދެމުންނެވެ. ރާއްޖޭގައި އުޅޭ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވަނީ ކޮވިޑް-19އާ ގުޅިގެން މާލެ ލޮކްޑައުން ކުރި ހިސާބުންނެވެ. މި ލޮކްޑައުން ތެރޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 2500ށް ވުރެ ގިނަ ބިދޭސީން އަނބުރާ އެ މީހުންގެ ގައުމަށް ވަނީ ފޮނުވާލާފައެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ލައްކައަކާއި ގާތް ކުރާ އަދަދަކަށް ގަވާއިދާ ހިލާފަށް ބިދޭސީން އުޅެމުން އަންނަ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މުޅި މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީން ކުރަމުންދާ މަސައްކަތުގެ ތެރެއިން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވަނީ އަމާޒަކީ މި އަހަރުގެ ތެރޭގައި 20،000 ބިދޭސީން އެ މީހުންގެ ރުހުމުގައި އަނބުރާ ގައުމަށް ފޮނުވާލުން ކަމަށެވެ.