ކޮވިޑް-19 އާއިއެކު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ނައިބު ރައީސް ފައިސަލް ނަސީމް ބައްލަވާލައްވައިފިއެވެ.
ރައީސް އޮފީހުން ބުރާސްފަތި ދުވަހު ބުނީ ވެލާނާ އެއަރޕޯޓް އަލުން ފަތުރުވެރިންނަށް ހުޅުވާލާފައިވާއިރު އަޅާފައިވާ ސަލާމަތީ ފިޔަވަޅުތައް ނައިބު ރައީސް ބައްލަވާލައްވާފައިވާ ކަމަށެވެ.
ރާއްޖޭގެ ބޯޑަރު ޖުލައި މަހު 15 ވަނަ ދުވަހު އަލުން ހުޅުވިއިރު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަމުން އަންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އެއް މަސްދުވަހު ރާއްޖެއަށް އައީ 5،100 ފަތުރުވެރިންކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
ކޮވިޑް-19 ޕެންޑަމިކް އާގުޅިގެން ދުނިޔޭގެ އިގްތިޞާދު ދަށަށް ގޮސް، ދަތުރުފަތުރު ކުރުމުގެ ނިޒާމަށް ބޮޑެތި ޖޮންޖެހުންތަކެއް ކުރިމަތިވެ، ގައުމުތަކުގެ ބޯޑަރުތައް ބަންދު ކުރުމަށްފަހު، އަލުން ބައެއް ގައުމުތަކުން ވަނީ ބޯޑަރުތައް ހުޅުވާފައެވެ.
އެގޮތުން ކޮވިޑް-19 އާގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރީ މިއަހަރުގެ މާރޗު މަހުގެ 27 ވަނަ ދުވަހު އެވެ.
ކޮވިޑާއި ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން ފާއިތުވި މަސްދުވަހުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 5،177 ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.