ކ. މާލެ
|
27 އޯގަސްޓް 2020 | ބުރާސްފަތި 09:56
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް
ޓްވިޓަރ
އިންޑިއާ-ރާއްޖެ
އިންޑިއާ ސަރުކާރުގެ އެހީގައި ހިންގާ ނަރުދަމާގެ މަޝްރޫއުތައް މިހާރު އޮތީ އޯޕަން-ޓެންޑާ މަރުހަލާގައި
ކްރެޑިޓް ލައިންގެ ދަށުން 34 ރަށެއްގައި ފެނާ ނަރުދަމާގެ މަސައްކަތް ކުރާނެ
މި މަޝްރޫއަށް 80 މިލިއަން ޑޮލަރު ހޭދަވާނެ
މަޝްރޫއުގެ މަސައްކަތް ނޮވެމްބަރު މަހު ފެށޭނެ

އިންޑިއާ ސަރުކާރުގެ އެހީގެ ދަށުން ހިންގާ ނަރުދަމާގެ މަޝްރޫއުތައް މިހާރު އޮތީ އޯޕަން-ޓެންޑާ މަރުހަލާގައި ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނެފިއެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ އިންޑިއާގެ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ދަށުން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތަކަށް ގާތްގަޑަކަށް 80 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށެވެ. އަދި މި މަޝްރޫއުތައް މި އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ހައިކޮމިޝަނުން ލަފާކުރެއެވެ.

މިއީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ މަޝްރޫއެއް ކަމަށް ފާހަގަކޮށް ހައިކޮމިޝަނުން ވަނީ މި މަޝްރޫއުތަކަކީ ސަރުކާރުގެ ލާމަރުކަޒީ ނިޒާމު ގާއިމްކުރުމުގެ ސިޔާސަތަށްވެސް އެއްބާރުލުންދޭ މަޝްރޫއުތަކެއް ކަމަށް ބުނެފައެވެ.

ހައިކޮމިޝަނުން ބުނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތަށް ހިންގުމަށް 60 ގައުމަކަށް އިންޑިއާއިން ކްރެޑިޓް ފެސިލިޓީ ފޯރުކޮށްދޭ ކަމަށާއި ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރެސީގެ ހައިސިއްޔަތުން، އިންޑިއާއިން ފޯރުކޮށްދޭ އެހީ ބިނާވެފައިވަނީ ޓްރާންސްޕޭރެންސީ، ޕާޓްނާޝިޕް އަދި ކޮލިޓީ ފަދަ އުސޫލުތަކުގެ މައްޗަށް ކަމަށެވެ.

އެގޮތުން ތަރައްގީގެ ބައިވެރިންނަށް އެހީގެ ޓާމްތައް ސާފުވުން މުހިންމު ކަމަށާއި މި ޓާމްސްތައް އެގްޒިމް ބޭންކުގެ ވެބްސައިޓްގައި ފެންނަން ހުންނާނެ ކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ. އަދި ކޮންމެ ޕްރޮޖެކްޓް ލޯންއެއްގައިވެސް 5 އަހަރުގެ މޮރިޓޯރިއަމްއެއް ވާއިރު، ރިޕޭމެންޓް ޕީރިއަޑްއަކީ 20 އަހަރު ކަމަށް ހައިކޮމިޝަނުން ފާހަގަކުރެއެވެ.

އިންޑިއާގެ ހައިކޮމިޝަނުން އިތުރަށް ބުނީ އެގައުމުން ރާއްޖެއާއި އެކު އެލްއޯސީ ގެ ދަށުން ހިންގޭ ހުރިހާ މަޝްރޫއުއެއްގެ ޓެންޑާ ކަރުދާސްތައް ތައްޔާރުކުރެވެނީ ދިވެހި ސަރުކާރާއި އެކުގައި ކަމަށާއި ފެނާ ނަރުދަމާގެ މި މަޝްރޫއުގެ ޓެންޑާ ކަރުދާސްތައް ތައްޔާރުކުރުމުގައި ޕްލޭނިން މިނިސްޓްރީގެ ބައިވެރިވުން ފާހަގަކުރެވޭ ކަމަށެވެ.

މި މަޝްރޫއަކީ ދިވެހި ރައްޔިތުންނަށްޓަކާ ހިންގޭ މަޝްރޫއެއް ކަމަށާއި އެހެންކަމުން މަޝްރޫއުގެ ހަމަތައް ނިންމަންވާނީ ދިވެހި ސަރުކާރުން ކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ. އަދި އެލްއޯސީ ގެ މަޝްރޫއުތަކުގެ މަސައްކަތުގައި އިންޑިއާގެ ކުންފުނިތަކާއިއެކު ބައިވެރިވުމުގެ ފުރުސަތު ދިވެހި ކުންފުނިތަކަށް ލިބޭ އިރު މި މައުލޫމާތު އެގްޒިމް ބޭންކްގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.

މީގެ ފައިދާ ދިވެހި ވިޔަފާރިތަކަށާއި އިގްތިސާދަށްވެސް ކުރާނެ ކަމަށާއި ދެގައުމުން ބައިވެރިވާ ޓެންޑަރިން މަރުހަލާގެ ތެރެއިން މަޝްރޫއުގެ މަސައްކަތަށް ހޮވެނީ އެންމެ ފެންވަރު ރަގަޅު ކުންފުނިތައް ކަމަށް ހައިކޮމިޝަނުން ބުނެއެވެ. އަދި ދެގައުމު ބައިވެރިވެގެން ކުރެވޭ މަސައްކަތުގެ ސަބަބުން ދެފަރާތުގައިވެސް ކެޕޭސިޓީ ބިނާކުރުމަށް މަގުފަހިވާނެ ކަމަށްވެސް އިންޑިއާ ހައިކޮމިޝަނުން ފާހަގަކުރެއެވެ.

ރައީސް ސޯލިހް 2018 ގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރޭގައި އިއުލާނުކުރެވުނު 800 މިލިއަން ޑޮލަރުގެ ލައިން-އޮފް-ކްރެޑިޓް ގެ ދަށުން ރާއްޖޭގައި އުމްރާނީ ތަރައްގީގެ ބޮޑު 7 މަޝްރޫއުއެއް ދަނީ ފައިނޭންސް ކުރެވެމުންނެވެ.

- ކޮމެންޓް