ކ. މާލެ
|
27 އޯގަސްޓް 2020 | ބުރާސްފަތި 07:01
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން
ޕޮލިސް
ވައްކަމުގެ މައްސަލަ
އެއްލައްކައަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ މައްސަލާގައި މީހަކު ހައްޔަރުކޮށްފި
އެމީހާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން
އެއީ 21 އަހަރުގެ ދިވެހި ޒުވާނެއް
ބަންދަށް 15 ދުވަސް ވަނީ ޖަހާފައި

މާލެގެ ފިހާރައެއް ފަޅާލައި ވައްކަން ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ތަކެތި ހޯދައިފިއެވެ.

ފުލުހުން ބުނީ މި އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މާލެ، މަޖީދީމަގު ވެސްޓޯ މޯބައިލް ފިހާރަ ފަޅާލައި ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިމަހުގެ 19 ވަނަ ދުވަހު ހައްޔަރުކުރީ 21 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި، 78240 ރުފިޔާގެ ތަކެތި ހޯދާފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މޯބައިލް ފޯނާއި އިލެކްޓްރޯނިކްސް ސާމާނު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ ތަކެތި ހޯދާފައިވަނީ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހާ ދިރިއުޅޭ ގެއާއި އޭނާއާ ގުޅުންހުރި އެހެނިހެން ތަންތަން ބަލައި ފާސްކޮށް އެ ތަންތަނުން ކަމަށެވެ.

ފުލުހުން ބުނީ އެފިހާރަ ފަޅާލައި 101720 (އެއްލައްކަ އެއްހާސް ހަތްސަތޭކަ ވިހި) ރުފިޔާގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށް ފުލުހުން މިހާތަނަށްކުރި ތަހުގީގުން އެނގިފައިވެއެވެ.

މި މައްސަލަ ފުލުހުންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް