ގއ. ވިލިނގިލީގެ މޮނިޓަރިންގ ހާލަތު، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އުވާލީ ދޮގު މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށް ތުހުމަތުކޮށް އެރަށުގެ ކައުންސިލުން ކަންބޮޑުވުންފާޅު ކޮށްފިއެވެ.
ވިލިނގިލި ކައުންސިލުން ބުނީ އެރަށުގައި ހޯމް ކަރަންޓީން ކޮށްފައި ހުރި މީހަކު ކޮވިޑް-19ށް ޕޮޒިޓިވްވުމާއި ގުޅިގެން ސިއްޚީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށް 25 އޮގަސްޓްވީ އަންގާރަ ދުވަހު 22:28 ގައި އެރަށުން އެއްވެސް މީހަކު އެޗްޕީއޭއިން ވަކިގޮތެއް އަންގަންދެން ރަށުން ފޭބުމާއި، ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރިންގެ ހާލަތަށް ގެނައި ކަމަށެވެ. ނަމަވެސް 26 އޮގަސްޓްވީ ބުދަ ދުވަހު 11:28 ގައި މޮނިޓަރިން އުވާލި ކަމަށެވެ.
ކަންބޮޑުވުންފާޅުކޮށް ކައުންސިލުން ބުނީ ރަށުގެ މޮނިޓަރިންގެ ހާލަތު އުވާލީ ގއ. އަތޮޅު ހޮސްޕިޓަލުގެ ޕަބްލިކް ހެލްތު އޮފިސަރު އަދި ހޮސްޕިޓަލުން ކޮވިޑް-19ށް ކަނޑައަޅާފައިވާ ފޯކަލް ޕޮއިންޓް އެޗްޕީއޭއަށް ދީފައިވާ ދޮގު މައުލޫމާތު ތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ.
ކައުންސިލުން އެއަމަލު ކުށްވެރިކޮށް ބުނެފައިވަނީ ޕޮޒިޓިވްވި މީހާ އާއި އެރަށު ބަޔަކު ޑައިރެކްޓް ކޮންޓެކްޓްވެފައިވާ ކަމަށެވެ. އަދި ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓުވި މީހުންގެ އެންމެ ފުރިހަމަ މައުލޫމާތު އެޗްޕީއޭއަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކައުންސިލުން ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުނެއެވެ.
އެހެންކަމުން ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް އެންމެހާ ރައްޔިތުން ސަމާލުކަން ދިނުމަށް ކައުންސިލުން އެދިފައިވެއެވެ.
މީގެ އިތުރުން ކައުންސިލުން ބުނީ ޕޮޒިޓިވްވި މީހާ އާއި ޑައިރެކްޓް ކޮންޓެކްޓުވި ފަރާތްތަކުގެ އެންމެ ފުރިހަމަ މައުލޫމާތު އެޗްޕީއޭއަށް ފޯރުކޮށް، އެފަރާތްތަކުގެ ސާމްޕަލް ނަގައިި ނިމެންދެން ވިލިނގިލި މޮނިޓަރިން ހާލަތުގައި ބޭއްވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން އެޗްޕީއޭގެ ބަހެއް ވަނީ އަދި އަތޮޅު ހޮސްޕިޓަލުގެ ބަހެއް ވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.