ކ. މާލެ
|
26 އޯގަސްޓް 2020 | ބުދަ 16:13
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް މަޤާމުގެ ހުވާކުރައްވާ، ފަތްކޮޅާ ހަވާލުވެވަޑައިގަންނަވަނީ
ޓުއަރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް މަޤާމުގެ ހުވާކުރައްވާ، ފަތްކޮޅާ ހަވާލުވެވަޑައިގަންނަވަނީ
ރައީސް އޮފީސް
ޓޫރިޒަމް މިނިސްޓަރަށް ރުހުންދިނުމުގެ މައްސަލަ
މައުސޫމް އަލުން ހުވާކުރައްވަންޖެހޭނެކަމަށް ކޮމިޓީން ނިންމައިފި
ޤާނޫނީ ސުވާލު އުފެދުނީ މިނިސްޓަރުކަމުގެ ހުވާކުރެއްވިއިރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމުގައި ހުންނެވުމުން
މަޢުޞޫމް ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހު
މައުސޫމް އަލުން ހުވާކުރައްވަންޖެހޭނެކަމަށް ނިންމާފައިވަނީ ބުދަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުން

ޓުއަރިޒަމް މިނިސްޓަަރު ކަމަށް އައްޔަން ކުރެއްވި ޑރ. ޢަބްދުﷲ މަޢުޞޫމް ކުރެއްވި މިނިސްޓަރުކަމުގެ ހުވާގައި ޤާނޫނީ ސުވާލުތަކެއް އުފެދޭތީ އަލުން ހުވާކުރަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މައްސޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.

މިގޮތަށް ނިންމާފައިވަނީ ބުދަ ދުވަހުގެ ކޮމިޓީ ބައްދަލުވުމުގައި ހާޒިރުވި މެމްބަރުންގެ އަގުލަބިއްޔަތުންނެވެ.

މިނިސްޓަރުކަމުގެ ހުވާ މައުސޫމް އަލުން ކުރައްވަން ޖެހެނީ އޭނާ މިނިސްޓަރުކަމުގެ ހުވާކުރެއްވި އިރު ކުންފުންޏެއްގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމުގައި ހުންނެވުމުން ޤާނޫނީ ސުވާލުތަކެއް އުފެދުމުންނެވެ. އެހެންކަމުން، މައުސޫމްއަށް ރުހުންދިނުމަށް ނިންމި ނިންމުން އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުނެވެ.

މިކަމާ ގުޅޭގޮތުން ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެމްބަރ މުހައްމަދު ފަލާހު ވިދާޅުވީ މައުސޫމްއަށް ރުހުންދިނުމަށް ފުރަތަމަ ކޮމިޓީން ބެލިބެލުމުގައި އޭނާ މިނިސްޓަރކަމުގެ ހުވާކުރެއްވުމަށްފަހު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރކަމުގެ މަގާމުން ވަނީ ވަކިވެވަޑައިގެންފައިކަމަށެވެ.

ޤާނޫނު އަސާސީގެ 136 ވަނަ މާއްދާ ކަމުގައިވާ ވަޒީރުންގެ މަޖިލީހުގެ މެމްބަރަކު ކޮށްގެންނުވާނެ ކަންތައްތައް ބަޔާންކޮށްފައިވާއިރު އެމާއްދާގެ ހ ގައި ބުނަނީ ވަޒީރުންގެ މަޖިލީހުގެ އެއްވެސް މެމްބަރަކު ސަރުކާރުގެ އެހެން މަގާމެއް އަދި ފައިދާ އެއް ލިބޭފަދަ އެނޫންވެސް މަގާމެއް ފުރައިގެނެއް ނުވާނެ އެވެ. އަދި ވިޔަފާރިއެއް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ، އާމްދަނީ އެއް ހޯދުމަށް ފަންނީ މަސައްކަތެއްގައި ޝާމިލްވެ އާމްދަނީއެއް ލިބޭފަދަ އެހެން އެއްވެސް މަސައްކަތެއްކޮށް އެހެން އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާކޮށްގެން ނުވާނެކަމަށެވެ.

މި މައްސަލައާއި ގުޅިގެން މަޖިލީހުގެ ކައުންސެލަރ ޖެނެރަލް ލަފާދެއްވީ މައުސޫމް ޞައްހަ ހުވާއެއް ކުރެއްވުމަށްފަހު މިމައްސަލަ އަނބުރާ ތަޅުމަށް ފޮނުވުމަށެވެ.

އަންގާރަ ދުވަހު މި މައްސަލައަށް ކުރެވުނު ބަހުސްގައި ބައެއް މެމްބަރުންވެސް ވިދާޅުވެފައިވަނީ އަލުން ހުވާ ކުރެއްވުމަށްފަހު މިމައްސަލަ އަނބުރާ މަޖިލީހަށް ގެނައުމަކީ މިކަމުގައި ޤާނޫނީ ގޮތުން އޮތް ހައްލުކަމަށެވެ.

ޑރ. ޢަބްދުﷲ މަޢުޞޫމް ޓޫރިޒަމް މިނިސްޓަރުގެ މަޤާމަށް ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ އޮގަސްޓް މަހުގެ 6 ވަނަ ދުވަހުއެވެ. ޑރ. ޢަބްދުﷲ މަޢުޞޫމްގެ ނަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވީ އޮގަސްޓް މަހުގެ 10 ވަނަ ދުވަހު އެވެ. ނަން ދިރާސާކުރުމަށްފަހު ކޮމިޓީން މައުސޫމަށް ރުހުން ދޭން ފެންނަކަމަށް އޭރު ފާސްކުރީ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އެވެ.

- ކޮމެންޓް